މަގު ހަދާތީ ހެންވޭރު ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ފަޅު ބަންދުކުރަނީ

ނާއިފް ހަލީމް
 
4 ގަޑިއިރު ކުރިން

 މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކުރުމަށްޓަކައި އެ ސަރަހައްދުގެ ފަޅު ބަންދުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ވާގޮތުން، މި ސަރަހައްދު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މަސައްކަތް ކުރިއަށްދާނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ބަންދުކުރާނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް އޮތް ސަރަހައްދެވެ. މި ބައިގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށައި، މަސައްކަތް ނިމެންދެން އެ ސަރަހައްދު ބަންދުވާނެއެވެ.

ދެވަނަ މަރުހަލާގައި، މަސްވެރިންގެ ޕާކުން ފެށިގެން 5 ނަމްބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް މި މަހުގެ 30 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިންވަނަ މަރުހަލާގައި، 5 ނަމްބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ.

މި މަސައްކަތާ ގުޅިގެން، މަގު ފުޅާކުރުމުގެ މަސައްކަތް ނިމި އާންމުކޮށް ހުޅުވާލެވެންދެން، އެ ސަރަހައްދުގެ އެއްގަމު ތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑުކުރުމާއި، ދާއިމީކޮށް އަޅާފައި ބޭއްވުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫއުގެ މަސައްކަތްތައް އަންނަ އޭޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެއެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މިހާރު ވަނީ ތާރު އަޅައި ބޭނުންކުރަން ފަށާފައެވެ. މި ބަދަލާއެކު އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެން ގޮސްފައިވެއެވެ. ޖުމްލަ 455 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަޝްރޫއަކީ މާލޭގެ ބޭރު މަގުގެ ހިދުމަތް ޒަމާނީ ފެންވަރަށް މަތިކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.