ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން މުއިއްޒު އަވަހާރަވެއްޖެ

ނާއިފް ހަލީމް
 
6 ގަޑިއިރު ކުރިން

ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ބަލީގެ ކުދިންގެ ހައްގުގައި ވަކާލާތުކުރެއްވި ނަމޫނާ ޒުވާނެއް ކަމަށްވާ ޢަބްދުލް މުޢިއްޒު ޙަސަން މިއަދު އަވަހާރަވެއްޖެއެވެ.

 އުމުރުން 37 އަހަރުގެ މުޢިއްޒު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މުޢިއްޒަކީ ތެލެސީމިއާ ކުދިންގެ ކުރިއެރުމަށާއި އެ ކުދިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އަމަލީގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި، މުޖުތަމައުގެ އިހުތިރާމާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ އަވަހާރަވިއިރު ވަޒީފާ އަދާކުރައްވަމުން ގެންދެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައެވެ. އެ ކުންފުނީގެ ކޮންޓްރެކްޓް މެނޭޖުމަންޓް ޑިޕާޓްމަންޓުގެ އިސް މަގާމެއް ފުރުއްވުމުގެ އިތުރުން، އޭނާއަކީ އެޗްޑީސީގެ މުވައްޒަފުންގެ ކްލަބުގެ ރައީސްވެސްމެއެވެ.

މަސައްކަތުގެ މައިދާނުގައި މުޢިއްޒަކީ ހީވާގި، އެކުވެރި އަދި ހުރިހާ މުވައްޒަފުންނާވެސް ގާތް ގުޅުމެއް ބޭއްވި ބޭފުޅެއްކަން އެ ކުންފުނީގެ މުވައްޒަފުން ފާހަގަކުރެއެވެ. ކްލަބުގެ ރައީސްގެ ހައިސިއްޔަތުން މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރުމަށާއި، އިޖުތިމާއީ ހަރަކާތްތައް ކުރިއެރުވުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަންގެ ގޮތުގައި ހުންނަވައިގެން، ރާއްޖޭގައި ތެލެސީމިއާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފަރުވާގެ ފެންވަރު މަތިކުރުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ވަކިން ހާއްސަކޮށް، އަތޮޅުތަކުގައި ދިރިއުޅޭ ކުދިންނަށް ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ބޭނުންވާ މުހިންމު ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށް ކަމާބެހޭ އިދާރާތަކާއެކު އޭނާ މުހިންމު މަޝްވަރާތަކެއް ކުރައްވައި އަޑުއުފުއްލެވިއެވެ.

މުޢިއްޒު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މުޢިއްޒު މުޖުތަމައަށް ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތައް ފާހަގަކުރައްވައި، އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.