މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާއިރު، ސަރުކާރުގެ އިސްކަން އޮތީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ނަމަ، އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ މި ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ބައިނަލްއަޤުވާމީ ބާޒާރުގައި ތެޔޮ ލިބުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ހަނގުރާމައިގެ ސަބަބުން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެފް.އެސް.އެމް އިން ވަނީ ތެލުގެ އަގު 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލައިފައެވެ. މި ބަދަލާއެކު ޕެޓްރޯލް ލީޓަރެއްގެ އަގު 13.50 ރުފިޔާއިން 16.01 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއްގެ އަގު 13.92 ރުފިޔާއިން 17.54 ރުފިޔާއަށް ވަނީ ބޮޑުވެފައެވެ.
މީގެ އިތުރުން، އެސް.ޓީ.އޯ އިން އަމިއްލަ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު މިއަދުން ފެށިގެން ބޮޑުކުރުމާ ގުޅިގެން، އަތޮޅުތެރޭގެ ރަށްރަށުގައި ތެލުގެ އަގު މާލެއަށްވުރެ ބޮޑުތަނުން އުފުލިގެންދާނެއެވެ. މިހާރުވެސް ބައެއް ރަށްރަށުގައި އަގުތައް އިންތިހާއަށް މަތިވެފައިވާއިރު، އައްޑޫ ސިޓީގައި ޕެޓްރޯލް ލީޓަރެއްގެ އަގު 29.26 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއްގެ އަގު 30.13 ރުފިޔާއަށް ވަނީ އަރައިފައެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ މިހާރު އޮތީ ހަނގުރާމައިގެ ނުރައްކާތެރި އަސަރުތަކެއްގެ ތެރޭގައި ކަމަށާއި، ތެލުގެ އަގު އުފުލުމުގެ ސަބަބުން ދަތުރުފަތުރުގެ ޚަރަދުތައް އިތުރުވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ މުޅި ސަމާލުކަން އިންތިޚާބަށް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރިގަދަވެ، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކެމްޕޭން ހަރަކާތްތައް ވަރަށް ފުޅާކޮށް ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ.