ކައުންސިލްތަކަށް ދޫކުރި ފައިސާއަށް 18 ޕަސެންޓްގެ އިތުރުވުމެއް

ނާއިފް ހަލީމް
 
8 ގަޑިއިރު ކުރިން

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ތައްޔާރީތައް ކުރިއަށްދާއިރު، މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި ސަރުކާރުން ކައުންސިލްތަކަށް 422.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ރަސްމީ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތަކާ ގުޅޭގޮތުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު މިއަހަރު ކައުންސިލްތަކަށް ދޫކުރި ފައިސާގެ މިންވަރު ވަނީ 18.1 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މާރިޗު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދޫކޮށްފައިވަނީ 357.9 މިލިއަން ރުފިޔާއެވެ.

ކައުންސިލްތަކަށް ބްލޮކް ގްރާންޓް ނުވަތަ މާލީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ. މި އުސޫލުގެ ދަށުން ދައުލަތަށް ލިބޭ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ޚާއްޞަކުރެވެއެވެ.

މިދިޔަ އަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި 2.15 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޫކޮށްފައިވާއިރު، އޭގެ ކުރީ އަހަރު އެ އަދަދު ހުރީ 2.25 ބިލިއަން ރުފިޔާގައެވެ.

ކައުންސިލްތަކަށް މި ފައިސާ ދޫކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ލާބައަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމުގެ އިތުރުން، މުނިސިޕަލް ޚިދުމަތްތައް ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.