މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ތަރައްޤީކުރުމުގެ މަޝްރޫޢު ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މައުލޫމާތު ދެއްވާގޮތުގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 15 މާރިޗު 2026 ގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީ އެވެ.
ޖުމްލަ 126,359,594.94 (ސަތޭކަ ސައްބީސް މިލިއަން ތިންލައްކަ ފަންސާސް ނުވަހާސް ފަސްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ނުވަދިހަ ހަތަރު ލާރި) ރުފިޔާގެ މި މަޝްރޫޢަކީ 600 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްގައި ހިމެނޭ ބައިތަކަކީ:
ބޭސްމަންޓް: އުޅަނދުފަހަރު ޕާކުކުރުމަށް ޚާއްޞަ ސަރަޙައްދެއް.
ގްރައުންޑް ފްލޯ: މަސް މާރުކޭޓު (ފިޝް މާކެޓް).
1 ވަނަ، 2 ވަނަ އަދި 3 ވަނަ ފަންގިފިލާ: މޭވާއާއި ތަރުކާރީ ވިއްކުމަށް ޚާއްޞަ މާރުކޭޓު (ވެޖިޓަބަލް މާކެޓް).
4 ވަނަ ފަންގިފިލާ: ކާބޯތަކެތީގެ ޚިދުމަތްދޭ ފުޑް ކޯޓު.
މި މަޝްރޫޢަކީ މާލޭގެ މާރުކޭޓުތަކުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ސާފުތާހިރު އަދި ޒަމާނީ މާޙައުލެއްގައި ވިޔަފާރިކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭގެ ތަރުކާރީ އާއި މަހުގެ ބާޒާރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.