މާލޭ އުތުރު ބަނދަރު --

ނޯތު ހާބަރުގެ ފީ ބޮޑުކުރުމުގެ މަޝްވަރާއެއް ނުކުރޭ: އެމްޕީއެލް

ނާއިފް ހަލީމް
 
8 ގަޑިއިރު ކުރިން

މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުފަހަރުގެ އަތުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނޯތު ހާބަރުގެ ފީތައް ބޮޑުކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި، ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް މިހާތަނަށް ސަރުކާރާއެކު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ނޯތު ހާބަރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން 'އޭ ޒޯން' ބޭނުންކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންވާ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

"މި ކުންފުނީގެ އަމާޒަކީ އުޅަނދުފަހަރަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުން. މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ގެނައި ބަދަލުތަކާއެކު، މުދާ އުފުލާ ބޯޓުފަހަރު ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ،" އެމްޕީއެލްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މަސްވެރި އުޅަނދުފަހަރަށް ހާއްސަކޮށްފައިވާ "ޑީ، އީ އަދި އެފް" ޒޯން ބޭނުންކުރާ އުޅަނދުތަކުން މިހާރުވެސް އެއްވެސް ފީއެއް ނުނަގާ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އަދި އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ، ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓަރީ ނުކުރާ އުޅަނދުތަކަށް އެ ސަރަހައްދު ބޭނުން ނުކުރެވޭ ގޮތަށް ހަމަޖެއްސުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރަމުން އެމްޕީއެލް އިން ބުނީ، ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަންކަމުގައި ހަގީގަތް އޮޅޭ ފަދަ ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.