މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފޯރުކޮށްދިނުމަށް ބުރޫއަރައި، މަތިންދާބޯޓުތަކަށް ބޭނުންކުރާ ތެޔޮ (ޖެޓް ފިއުލް) ގެ އަގު އުފުލެން ފަށައިފިއެވެ. މިއީ ދަތުރުފަތުރުގެ ބާރުބޮޑުވާ ހޫނު މޫސުމާ ދިމާކޮށް އެއަރލައިންތަކަށް ކުރިމަތިވާނެ ބޮޑު މާލީ ބުރައެކެވެ.
މާހިރުން ވިދާޅުވާ ގޮތުގައި، ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލޭނެކަމާމެދު މިހާރު އެއްވެސް ޝައްކެއް ނެތެވެ. މިހާރު އޮތް ސުވާލަކީ އަގުތައް އުފުލޭނީ ކޮން އިރަކު، ކިހާ މުއްދަތަކަށް، އަދި ކިހާ މިންވަރަކަށްތޯއެވެ. މި ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިގު ރާސްތާގެ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ. އެއީ ކުރު ދަތުރުތަކާ އަޅާބަލާއިރު މިފަދަ ދަތުރުތަކަށް ބޭނުންވާ ތެލުގެ މިންވަރު އިތުރުވުމުންނެވެ.
އެމެރިކާއިން ބޭރުގެ ބައެއް އެއަރލައިންތަކުން މިހާރުވެސް ވަނީ އިތުރުވަމުންދާ ޚަރަދުތަކާ އެއްވަރުކުރުމަށްޓަކައި ޓިކެޓުގެ އަގު ބޮޑުކުރާނެކަން ނުވަތަ 'ފިއުލް ސަރޗާޖް' އެއް ނަގާނެކަން އިޢުލާންކޮށްފައެވެ. އެމެރިކާގެ ޔުނައިޓެޑް އެއަރލައިންސްގެ ސީ.އީ.އޯ ސްކޮޓް ކާބީ ދާދިފަހުން އިންޒާރު ދެއްވާފައިވަނީ، ތެލުގެ އަގު އުފުލުމުގެ އަސަރު މުޅި ސިނާޢަތަށް ކުރަން ފެށުމާއެކު، ޓިކެޓުގެ އަގުތައް ވަރަށް އަވަހަށް އުފުލެން ފަށާނެ ކަމަށެވެ.
ޖެޓް ފިއުލްގެ އަގު އުފުލެނީ ކީއްވެގެން؟
ހަނގުރާމައިގެ ސަބަބުން ތެޔޮ އެކްސްޕޯޓްކުރުމަށް ހުރަސްތަކެއް ކުރިމަތިވެ، ކުވެއިތު، ސައުދީ އަރަބިއްޔާ އަދި އިރާގު ފަދަ ތެޔޮ އުފައްދާ ބޮޑެތި ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ވަނީ މަޖުބޫރުވެފައެވެ.
އީރާނުން ޕާޝިއަން ގަލްފް ސަރަހައްދުގެ އުޅަނދުތަކަށާއި ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ.
ސާފުނުކުރާ ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކު، އާންމުކޮށް ބޭނުންކުރާ ޕެޓްރޯލްގެ އަގު އުފުލޭ ބީދައިން ޖެޓް ފިއުލްގެ އަގަށްވެސް ވަނީ އެ އަސަރުކޮށްފައެވެ. 'އާގަސް ޔޫ.އެސް ޖެޓް ފިއުލް އިންޑެކްސް' އިން ދައްކާ ގޮތުގައި، ހަނގުރާމަ ފެށުމުގެ ކުރިން ގޭލަންއަކަށް 2.50 ޑޮލަރުގައި ހުރި ތެލުގެ އަގު، މިދިޔަ ހުކުރު ދުވަހު ވަނީ 3.99 ޑޮލަރަށް އުފުލިފައެވެ.
މިއީ އެއަރލައިންތަކަށް ކޮން ކަހަލަ އަސަރެއް ކުރާނެ ކަމެއް؟
ބައެއް އެއަރލައިންތަކުން 'ފިއުލް ހެޖިންގ' (Fuel Hedging) ނަމަކަށް ކިޔާ އުކުޅެއް ބޭނުންކޮށްގެން، ތެލުގެ އަގު މާކުރިން ކަނޑައަޅައި 'ލޮކް' ކޮށްފައި އޮތުމުން ވަގުތީ ރައްކާތެރިކަމެއް ލިބެއެވެ. ނަމަވެސް، ހުރިހާ އެއަރލައިންތަކަކީ މިގޮތަށް އަމަލުކުރާ ކުންފުނިތަކެއް ނޫނެވެ. އަދި މިގޮތަށް އަމަލުކުރާ ކުންފުނިތަކަށްވެސް ރައްކާތެރިކަން ލިބެނީ ބޭނުންވާ ތެލުގެ ވަކި މިންވަރަކަށެވެ. އެހެންކަމުން، ތެލުގެ އަގު ގިނަ ދުވަހަށް އުފުލިފައި ހުރެއްޖެނަމަ، ގިނަ އެއަރލައިންތަކަށް ޓިކެޓުގެ އަގު ބޮޑުކުރަން މަޖުބޫރުވާނެއެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބައެއް ދިމާތަކުން ބަންދުކުރުމުގެ ސަބަބުން، ދަތުރުގެ މަގު ބަދަލުކޮށް ދިގު މަގުތަކުން ދަތުރުކުރަން ޖެހުމަކީވެސް ތެޔޮ އެންދުން އިތުރުވެ، ހިންގުމުގެ ޚަރަދު ބޮޑުވާ ސަބަބެކެވެ.
ދަތުރުވެރިންނަށް މީގެން ކުރާނީ ކޮން އަސަރެއް؟
ދަތުރުވެރިންނަށް މި ބަދަލުގެ އަސަރު އެކި ގޮތްގޮތުން ކުރާނެއެވެ. އެމެރިކާއިން ބޭރުގެ ގިނަ އެއަރލައިންތަކުން ޓިކެޓުގެ އަސްލު އަގުގެ އިތުރުން 'ފިއުލް ސަރޗާޖް' އެއް ނަގާނެއެވެ. ނަމަވެސް، އެމެރިކާގެ ބޮޑެތި އެއަރލައިންތަކުން ވަކިން ސަރޗާޖެއް ނެގުމުގެ ބަދަލުގައި، ތެލަށް ހިނގާ އިތުރު ޚަރަދު ހިމަނާނީ ޓިކެޓުގެ ޖުމްލަ އަގުގެ ތެރޭގައެވެ. އެހެންކަމުން، ދަތުރުވެރިންނަށް ފެންނާނީ ޖުމްލަކޮށް ޓިކެޓުގެ އަގު އުފުލިފައިވާ ތަނެވެ.