ދަނޑުވެރި ނަފާ ލޯނުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދޫކޮށްފި

ނާއިފް ހަލީމް
 
8 ގަޑިއިރު ކުރިން

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) އާއި ގުޅިގެން ދޫކުރާ ދަނޑުވެރި ނަފާ ލޯނުގެ ގޮތުގައި މިހާތަނަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާކަމަށް އެ ވުޒާރާއިން ބުނެފި އެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބަައްދަލުވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމް ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 54 ފަރާތަކަށް 20,301,517 ( ވިހި މިލިއަން ތިން ލައްކަ އެއް ހާސް ފަސްސަތޭކަ ސަތާރަ) ރުފިޔާގެ ލޯނު ދޫކުރެވިފައިވާކަމަށެވެ.

"މި ޕްރޮގްރާމް ފެށުނީންސުރެއް މިހާތަނަށް ޖުމްލަ 54 ފަރާތަކަށް ވަނީ ލޯނު ދޫކުރެވިފައި. މީގެތެރޭގައި 5 ކުންފުނި، 44 ފިރިހެން އަދި 05 އަންހެން ބޭފުޅުން ހިމެނޭ." - ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ

ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން ބިމުގައިކުރާ ދަނޑުވެރިކަމުގެ އިތުރުން، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން (އަރބަން އެގްރިކަލްޗަރ، ގްރީންހައުސް ޕްރޮޓެކްޓެޑް އެގްރިކަލްޗަރ އަދި ވަރޓިކަލް ދަނޑުވެރިކަން، ހައިޑްރޮޕޮނިކްސް ފަދަ)، ކުރުމަށް ލޯނު ދޫކުރާނެ އެވެ. އަދި ދަނޑުތަކުގައި ފެންދޭ ނިޒާމް ޤާއިމުކުރުމާއި، ޕޯލްޓްރީ އަދި ދިރޭމާލު (ދަނޑުވެރިކަމުގައި ގެންގުޅޭ ކުދި ޖަނަވާރު ގެންގުޅުން)، އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީތައް ޤާއިމްކުރުމާއި ވެލިއު އެޑިޝަންގެ މަސައްކަތް ކުރުމަށް ވެސް ލޯނު ދޫކުރާނެ އެވެ.