ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީހާ، އައްޑޫ ވަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި އެ ބޭންކު އޮތީ އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ ދޮރު ހުޅުވާލައިގެން ކަަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް އައްޑޫގައި ރަސްމީކޮށް އިފުތިތާހު ކުރުމަށް މިރޭ ހިތަދޫގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
ހިތަދޫ ސްކޫލްގައި ބޭއްވި ޖަލްސާއި ޝަރީފް ވިދާޅުވީ، އިތުރު ރަހުނަކާ ނުލައި، އައްޑޫގައި ގެދޮރު ހެދުމަށް މިހާރު ތިން މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ރިސޯޓްތަކުގައި މަސައްކަތްކުރާ އައްޑޫ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދުމަށް ހާއްސަ ޕްރޮޑަކްޓެއް ތައާރަފު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އައްޑޫގެ ވިޔަފާރިތަކަށް އެއްވެސް ރަހުނަކާ ނުލައި ވިޔަފާރި ހިންގުމަށް ބޭނުންވާ ވާކިން ކެޕިޓަލްގެ ގޮތުގައި ތިން މިލިއަން ރުފިޔާގެ ލޯނު މިހާރު ލިބޭނެ. އައްޑޫގެ މަސްވެރިންނަށް ވެސް މިހާރު ވަޒީފާ އަދާކުރާ އެހެން މީހުންނަށް ބެންކުން ދޫކުރާ ހުރިހާ ލޯނަކަށް އެދި ހުށަހެޅޭނެ،" އެމްޑީ ވިދާޅިުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އައްޑޫގައި ގެސްޓް ހައުސް އަދި ޓޫރިޒަމް ފުޅާކުރުމަށް ބޭނުންވާ ފަރާތަތްކަށް ވެސް އެ ވިޔަފާރިތަކަށް ލިބޭނެކަމަށް ލަފާކުރާ އަމްދަނީ އަށް ބަލައި ދޫކުރާ ލޯނު ލިބޭނެ ކަމަށެވެ.