ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ބަދަލު ގެނައި ނަމަވެސް ބާރު އޮންނާނީ މިހާރެކޭ އެއްގޮތަށް ރައްޔިތުންގެ އަތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި މުޙައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަންނަ މަހު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓާ ގުޅޭގޮތުން ޕީއެސްއެމުން ގެނެސްދޭ "ހޭލުން" މި ޕްރޮގްރާމުގައި މައުލޫމާތުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމާއި ސަރުކާރުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ މުޙައްމަދު ޝިހާބު ވިދާޅުވީ، އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ގަބޫލުކުރައްވާގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ.
މަޖިލީހުގައި 1985ވަނަ އަހަރުން ފެށިގެން 25އެއްހާ އަހަރު ކުރެއްވި މަސައްކަތުގައި އިންތިޚާބުތައް ބާއްވާނެ ތާރީޚުތަކާ ގުޅިގެން މާބޮޑު ބަހުސެއް ނުކުރެވުނުނަމަވެސް އަބަދުވެސް މަޖިލީހުގެ ވިސްނުން އޮތީ ވީހާވެސް އަވަހަށް އިންތިޚާބުތައް ބޭއްވުމަށް ކަމަށް ޝިހާބު ވިދާޅުވިއެވެ. އެގޮތުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ އެކުލަވާލައި ފުރަތަމަ ބޭއްވި ރިޔާސީ އިންތީޚާބަށްފަހު އޭރު ހިނގަހިނގާ ހުރި މަޖިލީހުގެ ދައުރު ކުރުކޮށްލައި، އަލުން މަޖިލިސް އިންތިޚާބެއް ބޭއްވީވެސް އެ ބޭނުމުގައިކަން ފާހަގަކުރެއްވިއެވެ.
ޝިހާބު ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް ގޮތް ނިންމުމުގެ ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށެވެ. މި ފަހުގެ އިންތިޚާބުތަކުން ދައްކާގޮތުގައި ރިޔާސީ އިންތިޚާބަށްފަހު، ރައްޔިތުން އެއިރެއްގައި ހުންނަ ރައީސަކު ނިސްބަތްވާ ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދޭ ކަމަށާއި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުގެ ބަދަލުގައި ގާބިލު ބޭފުޅުން އިންތިޚާބުކުރަން ރައްޔިތުން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.