އަށްސަތޭކައަށްވުރެ ގިނަ މީހުންގެ ޖާގައިގެ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކުރުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން، މި ރޯދަމަހަށް ހަތަރު މިސްކިތެއްގެ މަސައްކަތް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.
މި މަޝްރޫއުގެ ދަށުން އޭސީކޮށް ނިންމާފައިވަނީ މަސްޖިދުލް ފުރުގާނާއި، މަސްޖިދުލް ޖަލާލުއްދީނާއި، ވިޔަފާރިވެރިންގެ މިސްކިތުގެ އިތުރުން ހުޅުމާލޭގައި ހުންނަ މަސްޖިދު އުމަރު ބިން ޚައްޠާބެވެ. ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި، މި މިސްކިތްތަކުގެ މަސައްކަތް ނިންމައި ރޭގެ އިޝާ ނަމާދުން ފެށިގެން ވަނީ އޭސީ ބޭނުންކުރަން ފަށާފައެވެ.
މިދިޔަ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ބޮޑެތި މިސްކިތްތައް އޭސީކޮށް މި ރޯދަމަސް ފެށުމުގެ ކުރިން ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ރޯދަމަހުގެ ތެރޭގައި އިތުރު އާ މިސްކިތްތަކެއް ރަސްމީކޮށް ހުޅުވުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ދީނީ ކަންކަމަށް ޒުވާނުން އަހުލުވެރިކުރުވުމުގެ ގޮތުން މާލޭގެ 24 މިސްކިތެއްގައި ޒުވާން ދިވެހި ހާފިޒުން ތަރާވީސް ނަމާދު އިމާމުވެ ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ، މި ރޯދަމަހުގެ ތިންވަނަ ހުކުރުގައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ހުކުރު ކުރާނީ ވެސް އަލަށް ތަމްރީނުކުރި ޒުވާން ޚަޠީބުންނެވެ