ސީޕީ ނަވީން --

32 އަހަރުގެ ޚިދުމަތަށް ފަހު ސީޕީ ނަވީން ރިޓަޔާކުރައްވައިފި

ނާއިފް ހަލީމް
 
7 ގަޑިއިރު ކުރިން

މި ސަރުކާރުގެ ދެވަނަ ޕޮލިސް ކޮމިޝަނަރުގެ މަގާމު ފުރުއްވި އިސްމާއިލް ނަވީން، ފުލުހުންގެ މުއައްސަސާގައި 32 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަވީން ވިދާޅުވީ، މިއަދު ފެށުނު ބަރަކާތްތެރި ރަމަޟާން މަހާ އެކު އޭނާގެ ރިޓަޔާމެންޓް ފައްޓަވާފައިވާ ކަމަށެވެ. ގާތްގަނޑަކަށް 32 އަހަރުގެ ދިގު ޚިދުމަތަކަށްފަހު ވަކިވެވަޑައިގަންނަވާއިރު، ޚިދުމަތާ ގުޅުނުއިރު ހުރި އަސާސްތަކާއި ގަބޫލުކުރުންތައް އެގޮތުގައި ދެމިއޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރާއި އިޙުތިރާމްގެ އިތުރުން ގައުމީ ލޯތްބަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ވިދާޅުވެ، ފުލުހެއްގެ ގޮތުގައި ޚިދުމަތް ކުރަން ލިބުމަކީ ފަޚުރުވެރި ޝަރަފެއް ކަމުގައި ނަވީން ސިފަކުރެއްވިއެވެ.

ނަވީން ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ސީޕީގެ މަގާމަށް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ވެސް ކުރިމަތިލެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ޚިލާފުވި ކަމުގެ ތުހުމަތުގައި ނަވީން ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިދިޔަ ނޮވެންބަރު މަހު ލަފާދިން ނަމަވެސް، އެ ފިޔަވަޅު ތަންފީޒުކޮށްފައެއް ނުވެއެވެ.

ނަވީން ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޯތަމްބްރިއާއިން މަތީ ތައުލީމު ހާސިލްކުރައްވާފައެވެ