ކ. ތިލަފުށީގައި ހައިމާކަކުން ކުނިނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ބަންގްލަދޭޝް މީހަކު މަރުވި މައްސަލައިގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 45 ދުވަސް އިތުރުކޮށްފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ވެމްކޯގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހައިމާކު ދުއްވަން އިން ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކައެވެ.
އެނގިފައިވާ ގޮތުގައި މިއަދު ބޭއްވި ބަންދުގެ މުއްދަތު އިތުރުކުރުމުގެ މަޖިލީހުގައި، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފުލުހުން ވަނީ އެދިފައެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނަގާނެ މުއްދަތަށް ރިއާޔަތްކުރެއްވުމަށްފަހު، ފަނޑިޔާރު ނިންމެވީ އޭނާގެ ބަންދަށް 45 ދުވަސް އިތުރުކުރުމަށެވެ.
ފުލުހުން ކޯޓުގައި ފާހަގަކުރި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި ހައިމާކުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުމުންވެސް، އޭނާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.