ރޯދަމަހު އައިޖީއެމްއެޗުން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ނާއިފް ހަލީމް
 
6 ގަޑިއިރު ކުރިން

މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ޚިދުމަތް ދޭނެ ގަޑިތައް އެ ހޮސްޕިޓަލުން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

އައިޖީއެމްއެޗުން ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ހޮސްޕިޓަލުގެ ހުރިހާ ޑިޕާޓްމަންޓުތަކުގެ ކައުންޓަރުތައް ހުޅުވިފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރުފަހު 2:30 އަށެވެ.

ލެބޯރެޓަރީގެ ޚިދުމަތްތަކަށް ބަލާއިރު، އާންމުކޮށް ހަދާ ޓެސްޓުތަކަށް ސާމްޕަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އަށެވެ. ރާއްޖޭން ބޭރަށް ފޮނުވައިގެން ހަދާ ޓެސްޓުތަކުގެ ސާމްޕަލް ބަލައިގަންނާނީ އާދީއްތަ އަދި ބުދަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. އަދި ހުކުރު ދުވަސް ފިޔަވައި ހަފުތާގެ އެހެން ދުވަސްތަކުގައި މިފަދަ ސާމްޕަލްތައް ބަލައިގަންނާނީ ހެނދުނު 8:00 އިން 10:00 އަށެވެ.

ރޭޑިއޮލޮޖީގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ގަޑިތަކަކީ:


އެކްސްރޭގެ ޚިދުމަތް: ހެނދުނު 8:00 އިން މެންދުރުފަހު 2:30 އަށް.

ސީޓީ ސްކޭން، އެމްއާރުއައި، އަލްޓްރާސައުންޑް ސްކޭން، މެމޯގްރާމް އަދި ބީއެމްޑީ: ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް.


މި ބަދަލުތަކާއެކުވެސް، ހޮސްޕިޓަލުގެ އެމަޖެންސީ ޚިދުމަތްތައް ރަމަޟާން މަހުގެ ތެރޭގައިވެސް 24 ގަޑިއިރު މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދެއެވެ.