ދަނޑުވެރިންނަށް ހާއްސަކޮށް މާލޭގައި ހެދި ވަގުތީ މާރުކޭޓު ހުޅުވައިފި

މުހައްމަދު ހަމީޒް
 
2 ދުވަސް ކުރިން

ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހާއްސަކޮށް މާލޭގައި ހެދި ވަގުތީ މާރުކޭޓު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ރޯދަމަހާ ދިމާކޮށް ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށް ހާއްސަކޮށްގެން ހެދި މި މާރުކޭޓު ހުންނަނީ ނޯތު ހާބަރުގައި ކުރީގެ 'ޝޮޓް ކެފޭ' ހިންގި ތަނުގައެވެ.

މި މާރުކޭޓު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8 އިން ހަވީރު 5 އަށް އަދި ރޭގަނޑު 9 އިން 11 އަށް ކަމަށް އެގްރިކަލްޗާ މިނިސްޓްރީން މައުލޫމާތު ދެއެވެ. މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިވާ ދަނޑުވެރިންނަށް އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ ނިޔަލަށް އޮތީ ހުޅުވާލާފައެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި، މިއީ ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް، ލުއިފަސޭހަ ގޮތެއްގައި ވިއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަގްސަދުގައި ގާއިމުކުރި މާރުކޭޓެކެވެ. މި މާރުކޭޓަކީ ވަގުތީ ތަނަކަށް ވުމުން، ރޯދަމަސް ނިމުމުން މާރުކޭޓު ހުސްކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މާރުކޭޓުގައި އަމަލުކުރަންޖެހޭ އުސޫލުތައް

މި މާރުކޭޓުގައި ތަކެތި ވިއްކުމާއި ބޭނުންކުރުމުގައި ހާއްސަ އުސޫލުތަކަކަށް އަމަލުކުރަން ޖެހެއެވެ. އެގޮތުން މި މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރަށްރަށުން އުފައްދާ ރޯ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެކަންޏެވެ. ރިހާކުރު ފަދަ ތައްޔާރީ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާކަމެކެވެ. މީގެ އިތުރުން މާރުކޭޓުގެ ގޮޅިތަކުގައި ތަކެތި ވިއްކުމަށް ބިދޭސީން ބޭތިއްބުމަކީވެސް މަނާކަމެކެވެ.

ތަކެތި ބެހެއްޓުމުގައިވެސް ވަކި މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. ވިއްކަން ހުންނަ ތަކެތި ބަހައްޓަންވާނީ ތަޅުންގަނޑުން ފެށިގެން 2 ފޫޓު އުސް، ސާފުތާހިރު މޭޒެއް ފަދަ އެއްޗެއްގެ މަތީގައެވެ. ނަމަވެސް ކުރުނބާ، ކާށި، ކަށިކެޔޮ، ކަރާ އަދި ބަރަބޯ ފަދަ ހަރު ތޮށިލީ ބާވަތްތައް ތަޅުންގަނޑުމަތީގައި ބެހެއްޓުމުގެ ހުއްދަ އޮވެއެވެ.

މާރުކޭޓު ހިންގުމުގައި ސާފުތާހިރުކަމަށް އިސްކަންދިނުމުގެ ގޮތުން، ވިޔަފާރި ނިންމުމަށްފަހު އުފެދޭ ކުނި ޖަމާކުރަންޖެހޭނީ ކަނޑައެޅިފައިވާ ވަކި ސަރަހައްދަކަށެވެ. އަދި ވިއްކާ ތަކެތީގެ ސައްހަ ރެކޯޑުތައް ގަވާއިދުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.