ކުރިއަށް އޮތް 5 ދުވަސް ވަރަސް ބޮޑަށް ވައި ނުސާފުވާނެ

މުހައްމަދު ހަމީޒް
 
18 ގަޑިއިރު ކުރިން

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދުންފުހުގެ ހާލަތު އަދިވެސް ރަނގަޅުނުވާ ކަމަށާއި، ކުރިއަށް އޮތް ފަސް ދުވަހަކީ މީގެ އަސަރު ވަރަށް ބޮޑަށް ފޯރާނެ ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.

ދުންފުނީގެ ސަބަބުން ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވުމުގެ އިތުރުން ސިއްހީ ގޮތުން އެކި މައްސަލަތައް ކުރިމަތިވެއެވެ. ފަހަކަށް އައިސް މި މައްސަލަ ދަނީ އިތުރަށް ގޯސްވަމުންނެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު މުޅި ރާއްޖެއަށްވެސް މިކަމުގެ އަސަރު ކުރާނެއެވެ.

މިވަގުތު ދުންފުހުގެ އަސަރު އެންމެ ބޮޑަށް ފެންނަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުންނެވެ. އެ ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު ތިން ކިލޯމީޓަރަށް ވުރެ ދަށްވެފައިވާ ކަމަށް މޫސުމީ ރިޕޯޓުތަކުން ދައްކައެވެ. އިރުއުތުރު މޫސުމުގެ ވަޔާއެކު މި ހާލަތު ކުރިއަށް އޮތް ފަސް ދުވަހުވެސް ދެމިގެންދާނެތީ، ބޭރުގައި އުޅޭ މީހުންނާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ.

މިދިޔަ އަހަރުގެ ނިޔަލުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާއިރު، އައިކިއުއެއާގެ ހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ނުސާފުމިން ހުރީ 105 އަށްވުރެ މަތީގައެވެ. ހޭޒް ނުވަތަ ދުންފުސް އުފެދެނީ ވައިގެ ތެރޭގައި ހުންނަ ކުދި ހިކި ޕާޓިކަލްތަކުގެ ސަބަބުންނެވެ. މިއީ ފޮގް ނުވަތަ މިސްޓާ ޚިލާފަށް ލޮލަށް ނުފެނުނަސް ޖައްވު ފުސްކޮށްލާ އެއްޗެކެވެ.

ވައިގެ ފެންވަރު ދަށްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނަށް މީގެ ނުރައްކާ ބޮޑުކަން އެ އިދާރާއިން ފާހަގަކުރެއެވެ. އެހެންކަމުން، ބޭރަށް ނުކުންނައިރު މާސްކު އެޅުމަށާއި، ގޭގެ ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށާއި، އަދި ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން ފަދަ ކަންކަން މަޑުޖައްސާލުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.