ބޮޑުތަކުރުފާނު މަގުގައި ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން | ފޮޓޯ: މިނިސްޓްރީ

ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރު އެޅި ސަރަހައްދުގައި ވަޒީރުން ގަސް އިންދަވައިފި

މުހައްމަދު ހަމީޒް
 
19 ގަޑިއިރު ކުރިން

މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރުއަޅައި ތަރައްގީކުރި ސަރަހައްދު ފެހިކުރުމުގެ ގޮތުން، ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގައި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު ތޯރިގް އިބްރާހީމް އާއި ކެބިނެޓްގެ އެހެނިހެން ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ވަޒީރުން ވަނީ އެ ސަރަހައްދުގައި ގަސް އިންދުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވެވަޑައިގެން، މަގުގެ ފެހިކަން އިތުރުކުރުމަށް ބާރުއަޅުއްވާފައެވެ.


މި މަޝްރޫއަކީ މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން، ތިމާވެއްޓާ ރައްޓެހި އަދި ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ބޮޑުތަކުރުފާނު މަގުގެ އަލަށް ތާރު އެޅި ބައިގައި ގަސް އިންދުމުން، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ހިޔާލިބި، މާލޭގެ ހޫނުމިން ކުޑަކުރުމަށް އެހީތެރިވެދޭނެއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، ތިމާވެށި ހިމާޔަތްކުރުމަށާއި ރަށްވެހިކަމުގެ ތެރެއިން ފެހިކަން އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށެވެ. މިއަދުގެ ހަރަކާތަކީ މި އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.