ބީއެމްއެލްއާ ދިމާލުން ބަނދަރުން ބައެއް ހިއްކައިގެން ބޮޑު ޕާކިން ޒޯނެއް ހަދަނީ

މުހައްމަދު ހަމީޒް
 
7 ގަޑިއިރު ކުރިން

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން، މާލޭގެ ފަޅުން ބޮޑު ބައެއް ހިއްކައިގެން ބޮޑު ޕާކިން ޒޯނެއް ތަރައްގީކުރުމަށް ނިންމައިފި އެވެ. 

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ އިން ތައްޔާރުކޮށް ހުށަހަޅާފައިވާ މި މަޝްރޫއުގެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުގައިވާ ގޮތުން މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް ސިލޯން ކުރިމަތިން އޮންނަ ސެގްމަންޓް 3 ގަ އެވެ.

މި ރިޕޯޓުގައިވާ ގޮތުން، މަޝްރޫއުގެ ޑިޒައިނަށް ގެނައި ބަދަލާއެކު ބޭންކް އޮފް ސިލޯން ކުރިމަތިން އޮންނަ ސެގްމަންޓް 3 ތަރައްގީކުރުމަށްޓަކައި ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 147 މީޓަރު ދިގު އަދި 27 މީޓަރު ފުޅާ ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބޮޑު ސަރަހައްދު ހިއްކުމަށް ބޭނުންވާ 14,465 ކޮޑިމީޓަރުގެ ވެލި ހޯދުމަށް ނިންމާފައިވަނީ މި މަޝްރޫއަށް މިހާރުވެސް ޖަމާކޮށްފައިވާ ވެލީގެ ތެރެއިން ނެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، މާލޭގެ އެންމެ ބާރުބޮޑު މި ސަރަހައްދުގައި އުޅަނދުތައް ޕާކުކުރާނެ ޖާގަ އިތުރުކުރުމެވެ. މީގެ އިތުރުން ލޯންޗު ފެރީތަކުން އަރާފޭބުމަށް ހާއްސަ ސަރަހައްދެއް ގާއިމްކޮށް، މަގުގެ ތޮއްޖެހުން ކުޑަކުރުމަކީވެސް މި ބަދަލުގެ މުހިންމު އަމާޒެކެވެ. ރިޕޯޓުގައިވާ ގޮތުން، މިހާރުވެސް މި ސަރަހައްދަކީ ވައިގެ ނުސާފުކަމާއި އަޑުގަދަވުމުގެ މައްސަލަ ބޮޑު ސަރަހައްދަކަށް ވީއިރު، އައު ޑިޒައިންގެ ސަބަބުން މި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.

މި މަޝްރޫއުގެ މަސްލަހަތުވެރިންނާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވަނީ، "ބަނދަރު ތެރެ ކުޑަވުމުގެ ސަބަބުން، ބަނދަރު އެންމެ ގިނައިން ބޭނުންކުރާ ވަގުތުތަކުގައި، އުޅަނދު ބަނދަރު ތެރެއަށް ވެއްދުމާއި ނެރުމުގައި އެކި ކަހަލަ ދަތިތައް ކުރިމަތިވާނެ" ކަމަށެވެ. މިއީ ނޭދެވޭ އަސަރެއްގެ ގޮތުގައި ފާހަގަކޮށްފައިވީ ނަމަވެސް، މިއީ ހަމައެކަނި މި ސެގްމަންޓަށް ދިމާވާނެ ވަގުތީ ދަތިތަކެއްކަމަށް ރިޕޯޓުގައިވެ އެވެ.

އީއައިއޭ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، މަސައްކަތް ކުރިއަށްދާ ވަގުތު ބަނދަރުގެ ބައެއް ބަންދުކުރަން ޖެހުމުން ވަގުތީ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، މަޝްރޫއު ނިމުމުން ލިބޭނެ އިޖުތިމާއީ އަދި އިގްތިސާދީ މަންފާ މާ ބޮޑުވާނެ ކަމަށެވެ. އެގޮތުން ދިގު މުއްދަތުގައި މި މަޝްރޫއުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ، ރައްކާތެރިކަން އިތުރުވެ، ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މަގުފަހިވާނެކަމަށް ރިޕޯޓުގައި ނިންމާފައިވެ އެވެ.

އެހެންކަމުން، މިއީ ތިމާވެށީގެ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަށް ގެންދަން އެންމެ އެދެވޭ މަޝްރޫއެއްގެ ގޮތުގައި ވަނީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ ސެގްމަންޓް 5 ނުވަތަ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްޓީސީސީ އިމާރާތް ކުރިމަތީގެ މަސައްކަތްތަކެވެ. މަގު ތަރައްޤިކުރުމުގެ މަސައްކަތުގެ ދަށުން، އެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން މަގު ޒަމާނީ ފެންވަރަށް ތާރުއަޅައި ތަރައްޤީ ކުރުމާއެކު، އެ ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ އިތުރުން ޕޭވްމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދުގަ އެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ. މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، ތަރައްޤީކުރުން ހިމެނެ އެވެ.