2026 ވަނަ އަހަރުގެ ސްޕޯޓްސް އެވޯޑުގެ ތެރެއިން

އަޅުގަނޑުގެ ދާއިރާގައި އުމެއިރުފަދަ މޮޅެތި ކުޅުންތެރިން ތިބުމަކީ ލިބޭ ފަހުރެއް: އެމްޕީ ރިފާއު

މުހައްމަދު ހަމީޒް
 
13 ގަޑިއިރު ކުރިން

މާފަންނު މެދު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ)، އެ ދާއިރާއަށް ނިސްބަތްވާ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުހައްމަދު އުމެއިރު މުހައްމަދު މުއިއްޒު އަށް ތައުރީފު ކުރައްވައި، އޭނާއަކީ ދާއިރާއަށް ލިބުނު ފަހުރެއް ކަމަށް ވިދާޅުވެއްޖެ އެވެ. ރިފާއު މިހެން ވިދާޅުވީ އުމެއިރު މި އަހަރު ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އުމެއިރުގެ ކާމިޔާބީތަކަށް ބަލާއިރު، 2024 ވަނަ އަހަރަކީ އޭނާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ އަހަރެކެވެ. އެގޮތުން ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްއިން އޭނާ ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ. މީގެ އިތުރުން 62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި 15 އަހަރުން ދަށުގެ ސިންގަލްސް އާއި 17 އަހަރުން ދަށުގެ ޑަބަލްސްއިން އޭނާ ވަނީ ރަން މެޑަލް ހޯދާފައެވެ.

30 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވެސް އުމެއިރު ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި 15 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސްގެ އިތުރުން 17 އަހަރުން ދަށުގެ ޑަބަލްސްއިން ރަން މެޑަލް ހޯދުން ހިމެނެއެވެ. ގައުމީ ފެންވަރުގައި ބޭއްވުނު މި މުބާރާތްތަކުގެ އެކި ކެޓަގަރީތަކުން އުމެއިރު ވަނީ ގިނަ އަދަދެއްގެ ރިހި އަދި ލޯ މެޑަލް ވެސް ކާމިޔާބުކޮށްފައެވެ.

އެމްޕީ ރިފާއު ވިދާޅުވީ އުމެއިރަކީ އޭނާގެ އުމުރުފުރާގެ ހުރިހާ މުބާރާތްތަކެއް ކަހަލަ ގޮތަކަށް ކާމިޔާބުކޮށް، ގައުމީ ޓީމުގެ ސީނިއާ ގަދަ 5 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހުނަރުވެރިއެއް ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދައްކަން ތިބޭ ފަރާތްތަކުން، ކުޑަކުއްޖަކަށް އަމާޒުކޮށް ފާޑުކިޔުމުގެ ކުރިން ކަންކަން އޮޅުންފިލުވައި، ހަގީގަތް ހޯދުމަށް ރިފާއު ވަނީ އިލްތިމާސް ކުރައްވާފައެވެ.

"އަޅުގަނޑުގެ ދާއިރާގައި އުމެއިރު ފަދަ މޮޅެތި ކުޅުންތެރިން ތިބުމަކީ އަޅުގަނޑަށް ލިބޭ ފަހުރެއް،" ރިފާއު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އާންމުންނަށް އޮޅޭ ގޮތަށް ވާހަކަ ފެތުރުމުގެ ބަދަލުގައި، ގައުމުގެ އެންމެ އުންމީދީ އެއް ހުނަރަށް ހިތްވަރު ދިނުން މުހިންމު ކަމަށެވެ.