ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ނިވައިކަން ކުޑަ އަންނައުނާއި ބިކިނީ ލައިގެން އުޅޭ ފަތުރުވެރިންނާއި ބިދޭސީންނަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މިއީ މަޖިލީހުގެ އާ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ފުރަތަމަ ޕެޓިޝަނެވެ.
ޝައިހް ޒަމްޒަމް ފާރިޝް އިސްވެ 150 މީހުންގެ ސޮޔާއެކު ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ، އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅުމުގެ ސަބަބުން އިސްލާމީ އަހުލާގާއި ދިވެހި ސަގާފަތް ނެތިދިއުމުގެ ބިރު އޮތް ކަމަށެވެ. އަދި މިއީ ކުޑަކުދިން އިސްލާމީ ތަރުބިއްޔަތުގައި ބޮޑުކުރުމަށް އޮތް ހުރަހެއް ކަމަށާއި، މީގެ ސަބަބުން ޅަދަރިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި މިހާރު ހުރި ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށާއި، ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެ އާ ގާނޫނީ ނިޒާމެއް ގާއިމުކުރުމަށް ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ. މި ޕެޓިޝަނުގައި ސޮއިކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.