އެމް.ޑީ.ޕީގެ ދެ ވެރިކަމުގެ ތެރޭގައި، ވަކިން ޚާއްޞަކޮށް ނިމިދިޔަ ސަރުކާރުގައި މިސްކިތްތަކަށް ގެއްލުންދިނުމުގެ އަމަލުތައް އާދަޔާ ޚިލާފަށް އިތުރުވެގެންދިޔަކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ސުޖާއު ވިދާޅުވީ، އެމް.ޑީ.ޕީގެ ވެރިކަމުގެ ދުވަސްވަރު މިސްކިތްތަކަށް ގެއްލުންދީ، ހުޅުޖަހައި، އަދި މިސްކިތްތަކުގެ ތެރެއަށް ކުޑަކަމުދިޔުމާއި ބޮޑުކަމުދިޔުން ފަދަ ހަޑިމުޑުދާރު އަމަލުތައް މި ގައުމުގައި އާދަޔާ ޚިލާފަށް ފެންމަތިވަމުން ދިޔަ ކަމަށެވެ. މިއީ ރައްޔިތުން ނުހަނު ކަންބޮޑުވި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ސުޖާއު އިތުރަށް ވިދާޅުވީ، މިފަދަ ކަންތައްތައް ހައްދުން ނެއްޓިގެންދިޔަ ހާލަތުގައި، މާލޭގެ ރައްޔިތުން މާލެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ޕީ.ޕީ.އެމް/ޕީ.އެން.ސީ އަށް ދިން ކަމަށެވެ. އަދި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު، މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ރައީސް މުޢިއްޒު މޭޔަރުކަމުގައި ހުންނަވައިގެން އެންމެ ފުރަތަމަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، މިސްކިތްތަކުގައި ސީ.ސީ.ޓީވީ ކެމެރާ ހަރުކުރުމާއި، ސަރވޭލަންސް ނިޒާމެއްގެ ދަށުން މިސްކިތްތަކަށް ވަދެނުކުމެވާ މީހުން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސެވިކަން ސުޖާއު ފާހަގަކުރެއްވިއެވެ. މިއީ މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް ހުއްޓުވުމަށް އެޅުނު ވަރުގަދަ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސުޖާއު އިތުރަށް ވިދާޅުވީ، މިސްކިއްތަކަށް ގެއްލުންދޭ ފަރާތްތަށް ކުރީ ސަރުކާރުތަކުން ހައްޔަރުކުރާތަން ފެނިގެންދިޔަކަމަށާއި، ނަމަވެސް އެއިން ކޮންމެ މީހެއް ފަހުން ބަދަލުވެގެން ދަނީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ކަމަށެވެ.
"ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ރައްޔިތަކަށްވެސް ފަރުވާދީ އެމީހުން ބަލަހައްްޓާނެ މަރުކަޒުތައް ގާއިމު ކުރެވިފައި ހުރޭ، އެހެން ނަމަވެސް މިގޮތަށް މިސްކިއްތަކަށް ގެއްލުންދޭ މީހުން ވަގުތުން ހައްޔަރުކޮށް، 24 ގަޑި އިރު ނުވަނީސް ދެން ފެނިގެންދަނީ އެމީހާ މަގުމަތީ މިނިވަންކަމާއި އެކު އުޅޭތަން" ސުޖާއު ވިދާޅުވިއެވެ.
ސުޖާއު ފަހަގަ ކުރެއްވި ގޮތުގައި މިކަމަކީ އެމްޑީޕީގެ ރޭވުންތެރި ލާދީނީ ސިޔާސަތުގެ ދަށުން ހިންގަމުން އައި ކަމެއްގެ ގޮތުގައެވެ.