ޕާކިސްތާނުގެ އިސްލާމްއާބާދުގެ ތަރްލާއީ ސަރަޙައްދުގައި ހުރި މިސްކިތެއްގައި ހުކުރު ނަމާދު ވަގުތު ދިން ނުރައްކާތެރި ޙަމަލާ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހިތާމަވެރި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވެއެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ޙަމަލާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދޭކަމަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. މި އަނިޔާވެރި ޢަމަލުގައި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެދޭކަމަށް ހާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ޓެރަރިޒަމްގެ އެންމެހައި ޢަމަލުތަކަކީ ދިވެހިރާއްޖެއިން ބަލައިގަންނާނެ ކަންކަމެއް ނޫންކަމަށް ހާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. ވަކިން ޚާއްޞަކޮށް، އަޅުކަންކުރާ ބިނާތަކަށް އަމާޒުކޮށްދޭ މިފަދަ ފިނޑި ޙަމަލާތަކަކީ އިންސާނިއްޔަތާއި، ދީނާއި، އަދި އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ އަޚްލާޤީ އަސާސްތަކާ ޚިލާފު ޢަމަލުތަކެއްގެ ގޮތުގައި ރާއްޖެއިން ވަނީ ސިފަކުރައްވާފައެވެ.