ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ދާއިރާ ރައްޔިތަކު އުމްރާއަށް ފޮނުވަނީ: މިފަހަރު ނޫމަރާއިން

ނާއިފް ހަލީމް
 
19 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް، އެ ދާއިރާގެ ރައްޔިތުންގެ ތެރެއިން ކޮންމެ އަހަރަކު މީހަކު އުމްރާއަށް ފޮނުއްވުމަށް ނިންމަވައި، އެ ފުރުސަތު މި އަހަރު ށ. ނޫމަރާގެ ރައްޔިތުންނަށް ހުޅުވާލައްވައިފިއެވެ.

ނޫމަރާ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މެންބަރު އަމީންގެ މި ދީލަތި ނިންމެވުމުގެ ދަށުން، އުމްރާއަށް ފޮނުވާ ފުރަތަމަ ފަރާތަކީ ނޫމަރާގެ ރައްޔިތަކަށް ހެދުމަށް މެންބަރު ކަނޑައަޅުއްވާފައިވާ ކަމަށެވެ. މިގޮތުން އުމްރާއަށްދާނެ މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އެ ފުރުސަތަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއްގައި ނަގާ ގުރުއަތަކުންނެވެ.

މި ދަތުރަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ރަށު ރައްޔިތުންނަށް ހުޅުވާލާނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. އަންނަ މާރިޗު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފުރުސަތުގައި، އުމްރާ ދަތުރަށް އެދި ހުށަހަޅަންޖެހެނީ އޮންލައިން ފޯމެއް މެދުވެރިކޮށެވެ.