ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް ބިނާކުރުމަށް ރައީސް ޔާމީނުގެ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއަށް ހުރަސްއަޅައި، އެކަން ހުއްޓުވުމަށް އިދިކޮޅު އެމްޑީޕީން ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރިކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެއާޕޯޓްގެ މަސައްކަތް ހުއްޓުވުމަށްޓަކައި އޭރުގެ ސަރުކާރުގެ ވަޒީރުންނަށް ދަތިކުރުމަށާއި، މަޝްރޫއަށް ފިއްތުންތައް ކުރިމަތިކުރުވުމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ކުޅުދުއްފުށީގައި މިއަދު ފެންނަން އޮތް ތަރައްގީއަކީ އެއްވެސް ހާލެއްގައި އިއްތިފާގަކުން ލިބުނު ކުރިއެރުމެއް ނޫންކަން ފާހަގަކުރެއްވިއެވެ. އެއީ ކުޅުދުއްފުށީގެ ރައްޔިތުން ތަރައްގީއަށް އޮތް ލޯތްބާއި، އޭރުގެ ސަރުކާރާއެކު ސާބިތުކަމާއެކު ތިބެގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށުމާއެކު، އެކި ގޮތްގޮތުން އެ މަޝްރޫއު ހުއްޓުވުމަށް މަސައްކަތް ކުރި ނަމަވެސް، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމުގައި އޭރުގެ ސަރުކާރުން ދެއްކެވި ހިތްވަރު މިނިސްޓަރު ފާހަގަކުރެއްވިއެވެ.