ޕީއެންސީން ކައުންސިލްތައް ކާމިޔާބުކުރާނީ 80 ޕަސެންޓަށްވުރެ މަތިން: ފަލާހު

ނާއިފް ހަލީމް
 
19 ގަޑިއިރު ކުރިން

 ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 80 އިންސައްތައަށްވުރެ ބޮޑު އަޣުލަބިއްޔަތެއް ޕީއެންސީން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ރޭ ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުތައް ފުއްދަވައިދެއްވާ ވެރިއެއްކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، ރަށްރަށުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ނިންމުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން މިވަގުތު އިންތިހާއަށް ބޭނުންވާ ކަމަށެވެ.

ފަލާހު މިހެން ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހދ. ކުޅުދުއްފުށި ސިޓީން ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް އިފުތިތާޙު ކުރުމަށް އެ ސިޓީގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ.

މި އިންތިޚާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވާ ފަލާހު ވިދާޅުވި ގޮތުގައި، އޭޕްރީލް ހަތަރުވަނަ ދުވަހު ރައްޔިތުން ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކީ ޤައުމާއި ރަށްރަށުގެ މުސްތަޤުބަލު ބައްޓަންކުރުމަށް ނިންމާ މުހިންމު ނިންމުމެކެވެ.

"އެ ދުވަހު ތިޔަބޭފުޅުން ނިންމަވާނީ ދަރިންނާއި، ރަށާއި، ސިޓީ އަދި މުޅި ޤައުމުގެ ކުރިއެރުމަށްޓަކައި ހެޔޮ ބަދަލެއް ބޭނުންވޭތޯ ނުވަތަ ސިޓީތަކުގެ ތަރައްޤީ މިހާރު އޮތް މަޑުޖެހުމުގައި ބާއްވަން ބޭނުންވޭތޯ،" ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒުގެ ވެރިކަން ވެގެންދާނީ ދިވެހި ތާރީޚުގައިވެސް ނުދެކޭ ފަދަ އިންގިލާބީ ތަރައްޤީއެއް ގެނެސްދޭނެ "ތަރައްޤީގެ ޒައާމަތަކަށް" ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިއްވެވި ރިޔާސީ ބަޔާނުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ވަރަށް ސާފުކޮށް އެނގިގެންގޮސްފައިވާ ކަމަށްވެސް ފަލާހު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރިޔާސީ ބަޔާނުގައި ކޮންމެ މަޝްރޫޢަކާއި ކޮންމެ ދާއިރާއަކާ ގުޅޭގޮތުން ރައްޔިތުންނަށް ތަފުސީލުކޮށް މަޢުލޫމާތު ދެއްވާފައިވަނީ ވަރަށް ފުރިހަމައަށެވެ. އަދި 2008 ވަނަ އަހަރު އާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކަށް ލިބިފައިނުވާކަން ފާހަގަކުރައްވައި، ފަލާހު ވިދާޅުވީ މިއީ އެ ސިޓީގެ ރައްޔިތުން އެ ވިސްނުން ބަދަލުކޮށް، ތަރައްޤީއަށް ފުރުޞަތު ދޭންވީ ވަގުތު ކަމަށެވެ.