ސައޫދީގެ ހުރިހާ ޖަމަލަކަށް ޕާސްޕޯޓް ހައްދަނީ

ނާއިފް ހަލީމް
 
7 ގަޑިއިރު ކުރިން

ސައޫދީ އަރަބިއްޔާގައި ގެންގުޅޭ މިލިއަނަކަށްވުރެ ގިނަ ޖަމަލުތަކަށް "ޕާސްޕޯޓް" ތައާރަފުކޮށް، އެ ތަކެތި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ހާއްސަ ޕްރޮގްރާމެއް އެ ގައުމުން އިފްތިތާހުކޮށްފިއެވެ.

އެ ގައުމުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ވޯޓާ އެންޑް އެގްރިކަލްޗާ އިން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ އިތުބާރު ހުރި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ޖަމަލުތައް މެނޭޖުކުރުމަށް މަގުފަހިކުރުމާއި، އުފެއްދުންތެރިކަން އިތުރުކުރުމެވެ.

މިނިސްޓްރީން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި ޕާސްޕޯޓަކީ ދައުލަތުގެ ނިޝާނާއި ރަންކުލައިގެ ޖަމަލެއްގެ ކުރެހުން ހިމެނޭ، ފެހިކުލައިގެ ފޮތެކެވެ.

ދައުލަތުގެ މީޑިއާ، އަލް އިޚްބާރިއްޔާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޕާސްޕޯޓުގެ ސަބަބުން ޖަމަލުގެ ވިޔަފާރި އާއި އެއްތަނުން އަނެއްތަނަށް އުފުލުމުގެ ކަންކަން ރެގިއުލޭޓްކުރެވި، ރަސްމީ ލިޔެކިޔުންތައް ކަށަވަރުކުރުމަށް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، މިއީ ޖަމަލުގެ މިލްކުވެރިކަން ސާބިތުކޮށްދީ، ވެރިފަރާތުގެ ހައްގުތައް ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސައޫދީ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގައި ޖަމަލުގެ އާބާދީ ގާތްގަނޑަކަށް 2.2 މިލިއަނަށް އަރާނެއެވެ.