އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިއާގެ މުދަލުން ނަގާ ޓެރިފް %50 އިން %18 އަށް ކުޑަކުރުމަށް ނިންމަވައިފިއެވެ. މި ނިންމެވުމަކީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލައި، އޭގެ ބަދަލުގައި އެމެރިކާ ނުވަތަ ވެނެޒުއޭލާއިން ތެޔޮ ގަތުމަށާއި، ވިޔަފާރީގެ ހުރަސްތައް ނައްތާލުމަށް އެއްބަސްވުމާ ގުޅިގެން ނިންމެވި ނިންމެވުމެކެވެ.
ބޮޑުވަޒީރު ނަރެންދްރާ މޯދީއާ ފޯނުން ވާހަކަފުޅު ދެއްކެވުމަށްފަހު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، މޯދީއާ އޮތް ގާތް ރަހުމަތްތެރިކަމާއި އެމަނިކުފާނަށް ކުރައްވާ އިހުތިރާމުގެ ސަބަބުން، އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން، އެމެރިކާއާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ. މީގެ ދަށުން އިންޑިއާގެ މުދަލުން ނަގާ "ރެސިޕްރޯކަލް ޓެރިފް" %25 އިން %18 އަށް ވަގުތުން ކުޑަކުރެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި ގޮތުގައި، ރަޝިޔާގެ ތެޔޮ ގަންނަމުންދާތީ އިންޑިއާގެ ހުރިހާ މުދަލަކުން ނަގަމުންދިޔަ %25 ގެ އަދަބީ ޓެކްސް، މިހާރު ވަނީ އުވާލާފައެވެ. މި ޓެކްސް އަކީ ކުރިން އޮތް %25 ގެ ރެސިޕްރޯކަލް ޓެރިފްގެ އިތުރުން ނަގަމުންދިޔަ ޓެކްސްއެކެވެ.
މީގެ އިތުރުން، އެމެރިކާގެ ހަކަތަ، ޓެކްނޮލޮޖީ، ދަނޑުވެރިކަމުގެ އުފެއްދުންތަކާއި އެހެނިހެން ތަކެތި ހިމެނޭހެން 500 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ މުދާ ގަތުމަށް މޯދީ އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ބޮޑުވަޒީރު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޓްރަމްޕާ ވާހަކަދައްކަވާލަން ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، އިންޑިއާގައި އުފައްދާ މުދަލުގެ ޓެރިފް %18 އަށް ކުޑަވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އިންޑިއާގެ 1.4 ބިލިއަން ރައްޔިތުންގެ ނަމުގައި ރައީސް ޓްރަމްޕަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
ސެންޓަރ ފޯ އަ ނިއު އެމެރިކަން ސޮސައިޓީގެ އެޑްޖަންކްޓް ސީނިއާ ފެލޯ، ރޭޗަލް ޒިއެމްބާ ވިދާޅުވި ގޮތުގައި، މިއީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އައި އެއްބަސްވުމެކެވެ. އަދި %18 ގެ ޓެރިފާއެކު، އިންޑިއާގެ މުދާ މިހާރު ހުންނާނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލާ އެއް ހަމައެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިއީ ފުރިހަމަ ވިޔަފާރީގެ އެއްބަސްވުމެއްތޯ ނުވަތަ ހަމައެކަނި ޓެރިފާ ގުޅޭ ނިންމުމެއްތޯ ބުނަން އަދި މާ އަވަސް ކަމަށް ބައެއް މާހިރުން އަންނަނީ ބުނަމުންނެވެ.