މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި އިންޑިއާ އާއި ވިލާތުގެ އިއްތިހާދުން ސޮއިކޮށްފި

ނާއިފް ހަލީމް
 
4 ދުވަސް ކުރިން

ދުނިޔޭގެ ވިޔަފާރީގެ ތިންބައިކުޅަ އެއްބައި ހިއްސާވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި އިންޑިއާ އާއި ވިލާތުގެ އިއްތިހާދުން ސޮއިކޮށްފިއެވެ.

ގާތްގަނޑަކަށް ވިހި އަހަރެއްހާ ދުވަހުގެ މަޝްވަރާތަކަށްފަހު، އިންޑިއާ އާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ) އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަންގާރަ ދުވަހު ވަނީ އައިސްފައެވެ. މިއީ ގާތްގަނޑަކަށް 2 ބިލިއަން މީހުންގެ ދިރިއުޅުމާ ގުޅިފައިވާ ވަރަށް މުހިންމު ނިންމުމެކެވެ.

"ހުރިހާ އެއްބަސްވުންތަކުގެ މައި" އެއްބަސްވުމުގެ ގޮތުގައި އީ.ޔޫގެ އިސްވެރިޔާ ސިފަކުރެއްވި މި އެއްބަސްވުމުގެ ދަށުން، އީ.ޔޫގެ 27 ގައުމާއި އިންޑިއާއާ ދެމެދު ބަދަލުކުރެވޭ ގާތްގަނޑަކަށް ހުރިހާ މުދަލަކުން އިމްޕޯޓް ޑިއުޓީ ކަނޑާލެވޭނެއެވެ. މީގެ ތެރޭގައި ފޭރާމާއި ބޭހުގެ ބާވަތްތަކުން ފެށިގެން، ވިލާތުގެ ގައުމުތަކުން އިންޑިއާއަށް އެތެރެކުރާ ކާރާއި ބުއިންތަކުން ނަގާ ބޮޑެތި ޓެކްސްތައް ކުޑަކުރުން ހިމެނެއެވެ. މި އެއްބަސްވުމަށް އަމަލީގޮތުން އަމަލުކުރަން ފެށުމަށް އަދި މަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ މާކެޓުގެ ދެމެދުގައި މި އެއްބަސްވުން ގާއިމުކުރެވުނީ، އެމެރިކާއިން އިންޑިއާ އާއި ވިލާތުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ބޮޑެތި ޓެކްސްތަކެއް ނަގަމުންދާ ދަނޑިވަޅެއްގައެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގެ އޮއިވަރަށް ބަދަލުތަކެއް އައިސް، އިގްތިސާދީ ބޮޑެތި ބާރުތަކުން އާ ފުރުސަތުތަކާއި ގުޅުންތައް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ހަކަތައާ ބެހޭ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އިންޑިއާ އާއި ވިލާތުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ދުނިޔޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީ.ޑީ.ޕީ) ގެ 25 އިންސައްތަ އާއި، ދުނިޔޭގެ ޖުމްލަ ވިޔަފާރީގެ ތިންބައިކުޅަ އެއްބައި މި އެއްބަސްވުމުގައި ހިމެނޭ ގައުމުތަކުން ހިއްސާކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިޔަފާރީގެ އިތުރުން، ދިފާއީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ހުނަރުވެރި މަސައްކަތްތެރިންނާއި ދަރިވަރުންނަށް އެއް ގައުމުން އަނެއް ގައުމަށް ހިޖުރަކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްވެސް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. މިއީ ދެ ފަރާތުގެ މެދުގައި އޮތް ގުޅުން ހަމައެކަނި ވިޔަފާރީގެ ދާއިރާއަށްވުރެ ފުޅާވެފައިވާކަމުގެ ހެއްކެކެވެ.