ގުޅުން ކެނޑިތާ ހަތް އަހަރު ފަހުން އެމެރިކާގެ ޑިޕްލޮމެޓިކް މިޝަން ވެނެޒުއޭލާގައި ހުޅުވަނީ

ނާއިފް ހަލީމް
 
3 ދުވަސް ކުރިން

ވެނެޒުއޭލާއާއި އެމެރިކާއާ ދެމެދު އޮތް ސިޔާސީ ގުޅުން ކެނޑިފައި އޮތްތާ ހަތް އަހަރު ފަހުން، އެމެރިކާގެ ސިޔާސީ މިޝަން އަލުން ހުޅުވުމަށްޓަކައި އެމެރިކާއިން ވެނެޒުއޭލާއަށް ކަނޑައަޅުއްވާފައިވާ އެންމެ އިސް މަންދޫބު ކަރަކަސްއަށް ވަޑައިގެންފިއެވެ.

ލޯރާ ޑޯގޫ ހޮނިހިރު ދުވަހު "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އޭނާ އެގައުމަށް ވަޑައިގެންނެވިކަން ހާމަކުރައްވަމުން ވިދާޅުވީ، އޭނާގެ ޓީމު އޮތީ މަސައްކަތަށް ތައްޔާރަށް ކަމަށެވެ. މި ފިޔަވަޅު އަޅާފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް އެމެރިކާގެ ސިފައިން ވެނެޒުއޭލާގެ ރިޔާސީ ގަނޑުވަރުން އެގައުމުގެ އޭރުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ.

މަދޫރޯ މިހާރު ހުންނެވީ ނިއުޔޯކްގެ ޖަލެއްގައި ބަންދުކޮށްފައެވެ. އޭނާގެ މައްޗަށް މަސްތުވާތަކެތީގެ ވިޔާފާރިކުރުމާއި ނާކޯ-ޓެރަރިޒަމްގެ ތުހުމަތުތައް ވަނީ އުފުލާފައެވެ. ނަމަވެސް، މަދޫރޯ ހައްޔަރުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއްގެ ގޮތުގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު އިވާން ގިލް ޓެލެގްރާމްގައި ވިދާޅުވީ، ޑޯގޫއާ ބައްދަލުކުރައްވައި ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި "ރޯޑްމެޕެއް" އެކުލަވާލުމާއި، ހުރި ހިޔާލުފަދާތުވުންތައް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ޑިޕްލޮމެޓިކް މަޝްވަރާގެ އެހީގައި ހައްލުކުރުމާ ބެހޭގޮތުން ވާހަކަދެއްކެވި ކަމަށެވެ.

މީގެ ކުރިން ހޮންޑިއުރަސް އަދި ނިކަރާގުއާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު ފުރުއްވާފައިވާ ޑޯގޫ އައްޔަންކުރައްވާފައިވަނީ ވެނެޒުއޭލާގެ ކަންކަމާ ބެހޭ "ޗާޖް ޑި އެފެއާޒް" ގެ މަގާމަށެވެ. އޭނާ މަސައްކަތް ކުރައްވާނީ ކޮލަމްބިއާގެ ބޮގޯޓާގައި ހުންނަ އެމެރިކާ އެމްބަސީގެ ދަށުން ހިންގާ ވެނެޒުއޭލާ އެފެއާޒް ޔުނިޓުގައެވެ.

ވެނެޒުއޭލާއާއި އެމެރިކާއާ ދެމެދު އޮތް ސިޔާސީ ގުޅުން ކެނޑުނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެއީ އޭރު އެގައުމުގެ ވަގުތީ ރައީސް ކަމަށް ދައުވާކުރެއްވި ހުއާން ގުއައިޑޯއަށް ރައީސް ޓްރަމްޕް ތާއީދުކުރެއްވުމާ ގުޅިގެން މަދޫރޯ ނިންމެވި ނިންމެވުމެކެވެ.

ވެނެޒުއޭލާގެ ނުފޫޒުގަދަ ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ ދިއޮސްޑާޑޯ ކަބެއްލޯ ވިދާޅުވީ، ކަރަކަސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމުން، މަގާމުން ދުރުކޮށްފައިވާ ރައީސް މަދޫރޯއާމެދު ކަންކަން ކުރެވެމުންދާ ގޮތް ބެލުމުގެ ފުރުސަތު ވެނެޒުއޭލާ ސަރުކާރަށް ލިބިގެންދާނެ ކަމަށެވެ.

މަދޫރޯ ހައްޔަރުކުރުމަކީ ސަލާމަތީ ސަބަބުތަކަށްޓަކައި ކުރި ކަމެއް ކަމަށް ޓްރަމްޕްގެ ސަރުކާރުން ބުނި ނަމަވެސް، އެގައުމުގެ ބޮޑު ތެޔޮ ރިޒާވްގެ ކޮންޓްރޯލް ހޯދުމަކީ އެމެރިކާގެ މައިގަނޑު މަގްސަދު ކަމަށް ގިނަ އޮފިޝަލުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. މަދޫރޯ ހައްޔަރުކުރި ފަހުން، ޓްރަމްޕް ވަނީ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒްއަށް ބާރުއަޅައި، އެގައުމުގެ ތެޔޮ ސިނާއަތް އެމެރިކާގެ ކުންފުނިތަކަށް ހުޅުވާލުމަށް މަސައްކަތް ކުރައްވާފައެވެ.

މިހާރު ދެގައުމުން ވަނީ 2 ބިލިއަން ޑޮލަރުގެ ތެޔޮ އެމެރިކާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމަކަށް އައިސްފައެވެ. އަދި ބުރާސްފަތި ދުވަހު ރޮޑްރިގޭޒް ވަނީ ތެޔޮ ސިނާއަތް އަމިއްލަ ކުންފުނިތަކަށް ހުޅުވާލުމުގެ ގާނޫނެއްގައި ސޮއިކުރައްވާފައެވެ. މި ގާނޫނުގެ ދަށުން، ތެލާ ގުޅޭ ގާނޫނީ މައްސަލަތައް ވެނެޒުއޭލާގެ ކޯޓުތަކުން ބޭރުގައި ހައްލުކުރުމުގެ ފުރުސަތު ބޭރުގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ.

ހަމައެއާއެކު، އެމެރިކާ ސަރުކާރުން ވަނީ ވެނެޒުއޭލާގެ ތެޔޮ ސިނާއަތަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދީފައެވެ. މީގެ އިތުރުން، ވެނެޒުއޭލާގެ ވައިގެ ސަރަހައްދު އެމެރިކާގެ ވިޔަފާރި އުދުހުންތަކަށް ހުޅުވާލައި، އެމެރިކާގެ ތެޔޮ ކުންފުނިތައް ވަރަށް އަވަހަށް އެގައުމަށް ދާނެކަމަށް ޓްރަމްޕް ވަނީ އިއުލާން ކުރައްވާފައެވެ.

ހުކުރު ދުވަހު ރޮޑްރިގޭޒް ވަނީ އެތައް ސަތޭކަ ގައިދީންނެއް މިނިވަންކުރުމުގެ ގާނޫނެއް އިއުލާންކުރައްވައި، ކަރަކަސްގައި ހުންނަ އަދަބުދިނުމަށް މަޝްހޫރު "އެލް ހެލިކޮއިޑް" ޖަލު ބަންދުކޮށް، އެތަން ކުޅިވަރާއި ސަގާފީ މަރުކަޒަކަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ. މިއީ އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މައިގަނޑު އެއް ޑިމާންޑެވެ.