މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެއްޖެ

ނާއިފް ހަލީމް
 
17 ގަޑިއިރު ކުރިން

މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން ފެތުރޭ މިންވަރު އިތުރުވެ، ހޮސްޕިޓަލުތަކަށް ބާރުބޮޑުވާން ފަށައިފިއެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދެއްވި ގޮތުގައި، ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާތާ މިހާރު ދުވަސްކޮޅެއް ވަނީ ވެފައެވެ. މި ހާލަތާ ގުޅިގެން، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގައި ވަނީ ޚާއްސަ ފުލޫ ކްލިނިކެއް ގާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ. އައިޖީއެމްއެޗުން ފާހަގަކުރި ގޮތުގައި، ވަކި ސީދާ ތާރީޚެއް ކަނޑައަޅަން ދަތިވި ނަމަވެސް، ފަހަކަށް އައިސް ބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވެސް ވަނީ މި ދުވަސްވަރު ރޯގާގެ ހާލަތު ގޯސްވަމުންދާކަން ކަށަވަރުކޮށްދީފައެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި، ޚާއްސަކޮށް ސްކޫލުތައް ހުޅުވުނު ފަހުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ މައްސަލަތަކުގައި ޑޮކްޓަރަށް ދައްކާ މީހުން، ވަކިން ޚާއްސަކޮށް ކުޑަކުދިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ބަލިތައް ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ސަރުކާރުގެ ހޮސްޕިޓަލުތަކަށް ބާރުބޮޑުވެ، ޚިދުމަތް ހޯދުމުގައި ކިޔޫތައް ދިގުވެ ލަސްވާތީ އާންމުންގެ ޝަކުވާތައް ވެސް ދަނީ އިތުރުވަމުންނެވެ.

މި ދުވަސްވަރަކީ ސްކޫލު ބަންދަށްފަހު ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިސްފައިވާ ދުވަސްވަރެކެވެ. އާންމު ގޮތެއްގައި ވެސް އުމްރާވެރިން އެނބުރި އަންނަ ދުވަސްވަރު ރާއްޖޭގައި ބަލިތައް ފެތުރޭ މިންވަރު އިތުރުވާކަން ފާހަގަކުރެވެއެވެ.