ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހުގެ އާ ރެކޯޑެއް އިއްޔެ ގާއިމުކޮށްފިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026 ފެބްރުއަރީ 1 ވީ އާދިއްތަ ދުވަހު ރާއްޖެއަށް ވަނީ ޖުމްލަ 10,253 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މީގެ ކުރިން ރާއްޖޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަސް ކަމުގައިވާ 2024 ފެބްރުއަރީ 10 ވަނަ ދުވަހުގެ ރެކޯޑު މުގުރާލި އަދަދެކެވެ. އެ ދުވަހު ރާއްޖެއަށް އައިސްފައިވަނީ 10,213 ފަތުރުވެރިންނެވެ.
މި އާ ރެކޯޑާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މިވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މީގެ އިތުރުން، ނިމިދިޔަ ޖެނުއަރީ މަހަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހުގެ ގޮތުގައި ވަނީ ރެކޯޑު ކުރެވިފައެވެ. އެ މަހު ޖުމްލަ 224,788 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ދުނިޔޭގެ ބާޒާރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ "ޕީކް ސީޒަން" ނުވަތަ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރު ކަމަށްވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ އިތުރު ރެކޯޑުތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ފަތުރުވެރިކަމުގެ ދާއިރާއިން އާ އުސްމިންތަކަކަށް ވާސިލުވުމެވެ.