އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުން ކަމަށްވާ ހ. އޯކިޑް، ޑރ. އިކްލީލް ޝަރީފާއި، މ. ގައްދަޑުގެ، ޑރ. އަލީ އަބްދުﷲ ލަތީފަށް ޓެކްސްއަށް މަކަރު ހެދުމުގެދައުވާ އުފުލައިފިއެވެ.
މި ޑޮކްޓަރުންގެ މައްޗަށް މި ދައުވަ އުފުލާފައި ވަނީ ކޮވިޑް-19ގެ ދުވަސްވަރު ޕީސީއާރް ޓެސްޓު ގެނައުމުގައި އެ މީހުންގެ މަސްލަހަތު އޮންނަ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލައި، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަައެވެ.
ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ އެ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު ތުހުމަތުކުރެވޭ ކުންފުނިތަކާއި މީހުންގެ މައްޗަށް ދައުވާ ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވަނީ ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ ތިން ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ ކޮށްފައެވެ. މީގެ އިތުރުން ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވަނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ދެ ދައުވާކޮށްފައެވެ.
ޕީޖީން ވިދާޅުވީ، މި މައްސަލާގައި ދައުވާލިބޭ ކުންފުނިތަކުން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައިވާ އަދަދުތަކާއި، ކުންފުނިތަކުގެ އަސްލު އަމްދަނީއަށް ބަލައި މީރާ ހިސާބުކޮށްފައިވާ އަދަދުތަކަށް ބަލާއިރު، މި ދެ ކުންފުނިން -/20،200،401ރ ގެ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވާ ކަމަަށެވެ. މި މައްސަލާގައި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ހާލަތުގައި، ޓެކްސް ދެއްކުމުން އެއްކިބާވި އަދަދުގެ ދެ ގުނައަށްވާ -/40،400،802ރ. ކުންފުނިތައް ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅުއްވައިދެއްވުމަށް ކޯޓުގައި އެދުމަށް ގަސްދު ކުރާ ކަމަށް ޕީޖީން ވިދާޅުވެފައި ވެއެވެ.
ޕީޖީން ވިދާޅުވީ މި މައްސަލާގައި ވަކިވަކި މީހުންގެ މައްޗަށް ދައުވާކޮށްފައިވާނީ ދައުވާލިބޭ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދައުރަށް ބަލައި ކަމަށެވެ. އެ މީހުންގެ މައްޗަށް ކުރާ ދައުވާތަކަކީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ކުންފުނިތަކުން ހުށަހެޅި ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައި އޮޅުވާލާފައިވާތީ ކޮށްފައިވާ ދައުވާތަކެކެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.