އެމެރިކާގެ އަސްކަރިއްޔާއިން ވެނެންޒިއުލާއަށް ވައިގެ ހަމަލާތަކެއްދީ، އެ ގައުމުގެ ރައީސް ނިކޮލަސް މާޑޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ކްލިރިއާ ފްލޮރެސް ހައްޔަރުކޮށްގެން ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށް ވައިޓް ހައުސް އިން އިއުލާން ކޮށްފިއެވެ.
މިއަދު ފަތިހުގެ ވަގުތެއްގައި ދޭން ފެށި މި ހަމަލާތަކަކީ މަޑޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ފެށި ހަރަކާތްތަކުގެ ތެރެއިން ދިން ހަމަލާތަކެކެވެ. ވައިޓް ހައުސް އިން ކުރި ޕޯސްޓެއްގައި ބުނީ، އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މާޑޫރޯ އާއި އޭނާގެ އަނބިކަނބަލުން އަތުލައިގަނެވި، ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ވެސް ބައިވެރިވެފައިވާ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.
އެމެރިކާގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ވެނެޒުއޭލާގެ އަސްކަރީ މަރުކަޒުތަކަށެވެ. އޭގެ ތެރޭގައި ވެރިރަށް ކަރާކަސްގައި ހުންނަ މައި އަސްކަރީ މަރުކަޒު ކަމަށްވާ ފުއާޓޭ ޓިއުނާ އާއި، މައި ވައިގެ ބަނދަރު ލާ ކާލޮޓާ އަދި މުހިންމު ކަނޑުގެ ބަނދަރެއް ކަމަށްވާ ލާ ގުއައިރާ ހިމެނެއެވެ.