އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފިއެވެ. މި ހަމަލާތަކަކީ އެމެރިކާއިން ވެނެޒުއޭލާގެ ސަރުކާރު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިން ހަމަލާތަކެއް ކަމަށް ބެލެވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގައި ހުންނަ ފުއާޓޭ ޓިއުނާ ހިމެނޭހެން އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް ވަނީ ބޮން އަޅާފައެވެ. މީގެ އިތުރުން ލާ ގުއައިރާގައި ހުންނަ މުހިންމު ބަނދަރަކަށް ވެސް ހަމަލާތައް އަމާޒުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސޯޝަލް މީޑިއާގައި އާންމުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ވެނެޒުއޭލާގެ ވައިގެ ދިފާއީ ނިޒާމުތަކުން ދަނީ ހަމަލާތަކަށް ރައްދު ދެމުންނެވެ. އަދި ކަރަކަސްގެ މަތިން ވަރަށް ތިރިން އަސްކަރީ ބޯޓުތަކާއި ހެލިކޮޕްޓަރުތައް އުދުހެމުންދާ ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ރިޕޯޓްކޮށްފައިވެއެވެ.
އަސްކަރީ މާހިރުން ލަފާކުރާ ގޮތުގައި އެމެރިކާގެ ހާއްސަ ފައުޖުތަކުން މިހާރު ދަނީ ވެނެޒުއޭލާގެ ބިމުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިކަން އަދި ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޓްރަމްޕްގެ ސަރުކާރުން ފާއިތުވި މަސްތަކުގައި ވަނީ ވެނެޒުއޭލާގެ ވެރިކަން ބަދަލުކުރުމަށް ބާރުއަޅައި، އެ ގައުމުގެ ބިމުގައިވާ އަމާޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ. މި ހަމަލާތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.