ހުޅުމާލެ ފޭސް ތިނުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން އެމްއޭސީއެލުން ހާމަކޮށްފި އެވެ. އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިހާތަނަށް 47 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަސައްކަތް މެދުކެނޑިފައި އޮތްތާ މިދިޔަ މަހުގެ 10 ވަނަ ދުވަހު އަލުން ފަށާފައިވާއިރު، މަސައްކަތް ފުރިހަމަކުރުމަށްޓަކައި ސަރުކާރުން ވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނީގެ 22،000 ސީބީއެމްގެ ޑްރެޖަރެއް ގެނެސްފަ އެވެ. އެއީ ބިން ހިއްކުމުގައި ދުނިޔޭގައި އެންމެ މަޝްހޫރު ކުންފުންޏެކެވެ. މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފޭސް ތިނުގެ ބިން ހިއްކުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.