ހުޅުމާލޭގައި ރަޖިސްޓްރީނުކޮށް ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކުރަން ފަށައިފި

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

ހުޅުމާލޭގެ ހުސްބިންތަކާއި އާންމު ދަތުރުފަތުރަށް ޚާއްސަ ކުރެވިފައިވާ މަގުތަކުގައި، ރަޖިސްޓްރީ ނުކޮށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.

ގަވާއިދާ ޚިލާފުވާ ގޮތަށް ބަހައްޓާފައި ހުރި މި އުޅަނދުތައް ނެގުމުގެ މަސައްކަތުގައި، ފުލުހުންނާ އެކު އެޗްޑީސީ، ޕަބްލިކް ވޯކްސް، ދައުލަތުގެ ބައެއް ކުންފުނިތައް (އެސްއޯއީތައް)، ޓްރާންސްޕޯޓް މިނިސްޓްރީ އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވެސް ދަނީ ބައިވެރިވަމުންނެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ހުރި އުޅަނދުތައް ޓޯކުރަން ފެށީ، ރޭ 23:30 ގެ ކުރިން އެ އުޅަނދުތައް ނެގުމަށް އަންގައި، ޑިސެމްބަރު 1 ވަނަ ދުވަހު ފުލުހުން އާންމުކޮށް އިޢުލާނުކުރުމަށް ފަހުގަ އެވެ.

ފުލުހުން ބުނި ގޮތުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން، ގަވާއިދާ ޚިލާފަށް ހުންނަ އުޅަނދުތައް ޓޯކޮށްގެން ގެންދާނީ، މި ޚިދުމަތަށް ކަނޑައަޅާ ވަކި ތަނަކަށެވެ. އަދި ފުލުހުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ އިރު، އެ އުޅަނދުތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް އެ މުއައްސަސާއިން ޒިންމާ ނުވާނެ ކަމަށް ވެސް ފުލުހުން ހާމަކުރި އެވެ.

މީގެ އިތުރުން، ޓޯކުރެވޭ އުޅަނދުތައް އެއްކޮށްފައި ހުންނަ ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ ވެސް އެ އުޅަނދުގެ ވެރިފަރާތުން ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ހުޅުމާލެއިން ޖުމްލަ 51 އުޅަނދު ފުލުހުން ވަނީ ޓޯކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 45 ދެ ފުރޮޅުލީ އުޅަނދާއި، ހަ ހަތަރު ފުރޮޅުލީ އުޅަނދެވެ. މި ޢަދަދުގެ ތެރެއިން 41 އުޅަނދަކީ ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން ޓޯކުރި އުޅަނދުތަކެވެ.