ދިވެހިބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔާ މީހުންނަށް ފޮތް ޗާޕުކުރުމުގައި ހާއްސަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި ބަހުގެ އެކަޑަމީން ބޭއްވި އަދަބީ މުބާރާތްތަކާއި، އަތުލިޔުން މުބާރާތުގެ އިނާމު ދިނުމަށް މިރޭ ޞަލާހުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަދަބިއްޔާތަކީ ގައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށެވެ. ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ގައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށާއި އަދި އެއީ އިންތިހާއަށް ބޭނުންތެރި ދެ ފަންނު ކަމަށްވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ތަރިކައިގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް މިސަރުކާރުން ދަނީ މަސައްކަތްތަކެއްވެސް ކުރަމުން ކަމަށެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ހިދުމަތްތަކަށް ވަކި ވުޒާރާއެއް އުފެއްދީވެސް އެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.
"މިކަމަށްޓަކައި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒެއް އުފެއްދީ. މިކަމަށްޓަކައި ދިވެހި ގައުމިއްޔަތުގެ އިސްވަރު އުފެއްދީ. މިކަމަށްޓަކައި ދިވެހި ބަހުގެ އެކަޑެމީ ފަދަ، ދިވެހި ގައުމީ ދާރުލްއާސާރު ފަދަ ގުޅުން ހުރި މުއައްސަސާތަކުގެ ހިދުމަތް ދިނުމުގައި، ވުޒާރާއާ އެކީ، އެއްކުޑައެއްގެ ދަށަށް ގެނެވުނީ. އެއީ ދިވެހި ތަރިކައިގެ ދާއިރާ ވަކި އެއް ދާއިރާއެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ގައުމަށް އިލްމީ، އަދަބީ، އަހްލާގީ އަދި ސަގާފީ އިންގިލާބީ ބަދަލެއް ގެނައުމަށް އެމަނިކުފާނު ބޭނުންވާ ކަމަށެވެ. ދިވެހީން ދިވެހީންނަށް ވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށާއި ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން ހުރި ގޮތްތަކަށް ބަލާއިރު ކުޑަކުދިން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ.