ރައީސުލްޖުމްޖޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު | ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ 62 އިންސައްތަ ތާއީދު ރައީސް މުއިއްޒު އަށް

މުހައްމަދު ހަމީޒް
 
28 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރަމުންދާ ގޮތާ މެދު، ވޯޓުލާ އާބާދީގެ 60 އިންސައްތައަށް ވުރެ ގިނަ މީހުން ހިތްހަމަޖެހޭކަމަށް "ބާނި ސެންޓަރ ފޯ އިންޓަރނޭޝަނަލް ޕޮލިސީ" އިން ހެދި ސާވޭއަކުން ދައްކައިފިއެވެ.

ރާއްޖޭގައި ހިންގާ ތިންކް ޓޭންކެއް ކަމުގައިވާ ބާނި ސެންޓާއިން ބުނިގޮތުގައި އެ ސާވޭ ކުރިއަށްގެންދިޔައީ ނޮވެމްބަރު 23 އިން ޑިސެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސާވޭގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނު ޒިންމާ އަދާކުރައްވާ ގޮތާމެދު، ރާއްޖޭގައި ވޯޓުލާ އުމުރުގެ ރައްޔިތުން ދެކޭގޮތް އަހައިފައެވެ.

ސާވޭގެ ނަތީޖާގައި ބުނެފައިވަނީ 62 އިންސައްތަ މީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްތަކާމެދު "ހިތްހަމަޖެހޭ" ނުވަތަ "ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށެވެ. "ހިތްހަމަނުޖެހޭ ކަމަށް" ނުވަތަ "ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށް" ބުނީ 38 އިންސައްތަ މީހުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތާއީދުކުރި 62 އިންސައްތަ މީހުންގެ ތެރެއިން 21 އިންސައްތަ މީހުން ބުނެފައިވަނީ އެމަނިކުފާނުގެ މަސައްކަތްތަކާ މެދު "ވަރަށް ބޮޑަށް" ހިތްހަމަޖެހޭ ކަމަށެވެ.

ބާނި ސެންޓަރުން ބުނީ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެގޮތަށް ގެންދިޔަ ސާވޭގައި 391 މީހަކާ ސުވާލުކޮށްފައިވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ސާވޭގެ ބޮޑު އިންސައްތައެއް ތާއީދުކުރާއިރު، އެމަނިކުފާނުގެ ފުރަތަމަ ދެއަހަރުގެ މަސައްކަތްތަކުގެ ތެރޭގައި އާއްމު ރައްޔިތުންގެ މަޞްލަޙަތާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ވަނީ ތަންފީޒުކުރައްވާފައެވެ. އެގޮތުން، މީގެކުރިން ޙައްލު ގެނެވިފައިނުވާ އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން އަންނަނީ ޤައުމީ ފެންވަރުގައި ބޮޑެތި މަސައްކަތްތައް ކުރަމުންނެވެ.