ނޮވެމްބަރުމަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ %37 އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ނޮވެމްބަރުމަހުގެ ދައުލަތުގެ އާމްދަނީގެ ރިޕޯޓުގައިވާގޮތުން 11 މަސްދުވަސްތެރޭ ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި ހިމެނެނީ 965 މިލިޔަން ޑޮލަރެވެ. މިއަދަދު މިއަހަރުގެ މި މުއްދަތުގައިވަނީ 1.3 ބިލިޔަން ޑޮލަރަށް އިތުރުވެފައެވެ. މިއީ %37ގެ ކުރިއެރުމެކެވެ.
މިއަހަރުތެރޭ ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ޑީޕާޗަރ ޓެކުހާއި، އިންކަމް ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީ، ޓޫރިޒަމް ލޭންޑު ރެންޑެގެ ގޮތުގައި ލިބިފައިވާ އަދަދެކެވެ.