ގޫގުލްގެ ޓްރާންސްލޭޝަން އިން ކޮންމެ ހެޑްފޯނަކުން ވެސް ވަގުތު ތަރުޖަމާކުރެވޭ ގޮތަށް ހަދަނީ

ގޫގުލްގެ ޓްރާންސްލޭޝަން އިން ކޮންމެ ހެޑްފޯނަކުން ވެސް ވަގުތު ތަރުޖަމާކުރެވޭ ގޮތަށް ހަދަނީ

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

ޓެކްނޮލޮޖީގެ ދުނިޔޭގައި މިހާރު އެންމެ ބޮޑު ކުރިއެރުމެއް ފެންނަމުންދާ އެއް ދާއިރާއަކީ ލައިވް ޓްރާންސްލޭޝަން ނުވަތަ ދިރޭ ތަރުޖަމާގެ ދާއިރާއެވެ. ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން މިކަން ކުރިއެރުވުމަކީ، އެކި ބަސްބަހުން މީހުން މުޢާމަލާތްކުރާ ގޮތަށް ބޮޑު ބަދަލެއް ގެނެސްދާނެ ކަމެކެވެ. މި ދާއިރާއިން އެޕަލް އަށް ވުރެ ގޫގުލް ކުރިއަރައިދާނެ ކަމުގެ އިޝާރާތެއް މިވަނީ ފެންނަން ފަށާފައެވެ. އެޕަލް އިން އެ ކުންފުނީގެ އެންމެ ފަހުގެ އޮޕަރޭޓިންގ ސިސްޓަމްގައި ލައިވް، އިން-އިޔަރ ސްޕީޗް ޓްރާންސްލޭޝަން ތަޢާރަފްކުރި ނަމަވެސް، ގޫގުލްގެ ޓެކްނޮލޮޖީ އަކީ މާ ގިނަ ބަސްތަކަކަށް އަދި މާ ގިނަ ހެޑްފޯނު މޮޑެލްތަކަށް ސަޕޯޓްކުރާ ނިޒާމެކެވެ.

މިކަމަށްޓަކައި، އެންޑްރޮއިޑް ޑިވައިސް ބޭނުންކުރާ ފަރާތްތަކަށް މިހާރުން ފެށިގެން، ގޫގުލް ޓްރާންސްލޭޓް އެޕްލިކޭޝަން މެދުވެރިކޮށް ލައިވް ސްޕީޗް ޓްރާންސްލޭޝަން ޓެސްޓްކުރަން ފެށިދާނެއެވެ. މި އެޕްލިކޭޝަން މިހާރު ބިނާވެފައިވަނީ ގޫގުލްގެ އޭއައި މޮޑެލް ކަމަށްވާ ޖެމިނައި ގެ މައްޗަށެވެ. ޖެމިނައިގެ ސަބަބުން ޓެކްސްޓް ޓްރާންސްލޭޝަންތައް ކުރިއަށް ވުރެ ބޮޑަށް ތަބީޢީ އަދި ފުރިހަމަ ގޮތަކަށް އަޑުއިވޭނެއެވެ. ބޭނުންކުރާ ފަރާތްތަކަށް ވާހަކަތަކާއި، ސްޕީޗްތަކާއި، ޓީވީ ޝޯތަކާއި، ފިލްމުތަކުގެ ލައިވް ތަރުޖަމާ ލިބިގަނެވޭނެއެވެ. އެއީ ގޫގުލް ޓްރާންސްލޭޓް އެޕް ހުޅުވައި، އެ ޑިވައިސް ކޮންމެ ވައްތަރެއްގެ ހެޑްފޯނަކާ ގުޅުވައިގެންނެވެ. ޖެމިނައި އިން މަސައްކަތްކުރަނީ ވާހަކަ ދައްކާ މީހާގެ އަޑުގެ ޓޯނާއި، ބާރުކަމާއި، ލަފުޒުތައް ބޭނުންކުރާ ހަލުވިކަން ދެމެހެއްޓުމަށެވެ. މީގެ އިތުރުން، ލައިވް އަދި ޓެކްސްޓް ތަރުޖަމާތަކުގައި އިޑިއަމްތައް ލަފުޒުން ލަފުޒަށް ތަރުޖަމާކުރުމުގެ ބަދަލުގައި، އެ ބަހެއްގެ އަސްލު މާނަ ދޭހަވާ ގޮތަށް ލޯކަލައިޒްކޮށްދެއެވެ.

މި ބީޓާ ވާޝަން މިވަގުތު ލިބެން ހުރީ އެމެރިކާ، މެކްސިކޯ، އަދި އިންޑިއާގެ އެންޑްރޮއިޑް ޑިވައިސްތަކަށެވެ. ޖުމްލަ 70 އަށް ވުރެ ގިނަ ބަހަށް މި ފީޗާ އިން ސަޕޯޓްކުރެއެވެ. އޭގެ ތެރޭގައި އިނގިރޭސި، ސްޕެނިޝް، ޖަރުމަން، ފްރެންޗް، ރަޝިއަން، ޔޫކްރޭނިއަން، ޗައިނާ، ޖަޕާނު، ކޮރެއާ، ސްޓޭންޑަރޑް ޢަރަބި، ފަލަސްތީނުގެ ޢަރަބި، ހިންދީ، އުރުދޫ، ޒޫލޫ އަދި އެނޫން ވެސް ގިނަ ބަސްތައް ހިމެނެއެވެ. އައިއޯއެސް އަށް އަދި އިތުރު ޤައުމުތަކަށް ސަޕޯޓް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ. މިހާރު ޖެމިނައި ބޭނުންކޮށްގެން ޓެކްސްޓް ތަރުޖަމާކުރުމުގެ ފުރުޞަތު އެމެރިކާ އަދި އިންޑިއާގައި ލިބެން ހުރިއިރު، 20 ބަހަށް ސަޕޯޓްކުރެއެވެ. މީގެ ތެރޭގައި ސްޕެނިޝް، ހިންދީ، ޗައިނާ، ޖަޕާނު، އަދި ޖަރުމަން ހިމެނެއެވެ. ބޭނުންކުރާ ފަރާތްތަކަށް އެންޑްރޮއިޑް އަދި އައިއޯއެސް އެޕްތަކުންނާއި، ވެބްސައިޓުން ވެސް މިކަން ޓެސްޓްކުރެވިދާނެއެވެ.

ގޫގުލްގެ މި ލައިވް ޓްރާންސްލޭޝަން، އެޕަލް އިން ޖޫން މަހު އައިއޯއެސް 26 އާއެކު ތަޢާރަފްކުރި ފީޗާއާ ވަރަށް އެއްގޮތެވެ. އެޕަލް އިންޓެލިޖެންސް އަށް ސަޕޯޓްކުރާ އައިފޯން ބޭނުންކުރާ ފަރާތްތަކަށް ޓެކްސްޓް އަދި އަޑުގެ ވާހަކަތައް ލައިވްކޮށް ތަރުޖަމާކުރެވޭނެއެވެ. ނަމަވެސް، އެޕަލްގެ ލައިވް އޯޑިއޯ ޓްރާންސްލޭޝަނަށް ސަޕޯޓްކުރަނީ މަދު އެއަރޕޮޑްސް މޮޑެލްތަކަކަށް ކަމަށްވާއިރު، ބަސްތަކުގެ ތެރެއިން ސަޕޯޓްކުރަނީ މަންދާރިން ޗައިނީސް، އިނގިރޭސި، ފްރެންޗް، ޖަރުމަން، އިޓާލިއަން، ޖަޕާނު، ކޮރެއާ، ޕޯޗުގީޒް، އަދި ޔޫރަޕިއަން ސްޕެނިޝް އަށް އެކަންޏެވެ.

މި ތަފާތުތަކުން ދައްކުވައިދެނީ ގޫގުލް އިން ޖެމިނައި އަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ކަމެވެ. ޖެމިނައި އަކީ ޗެޓްޖީޕީޓީ ގެ ޔޫޒަރ ބޭސް އާ ހަމައަށް އަވަހަށް ވާސިލްވަމުންދާ އޭއައި މޮޑެލްއެކެވެ. އޯޕަންއޭއައި އިން މިހާރު އޭގެ ފީޗާ ރޯޑްމެޕް ބަދަލުކޮށްފައިވަނީ ގޫގުލްގެ ކުރިއެރުންތަކާ ކުރިމަތިލުމަށް ފޯކަސްކޮށްގެންނެވެ. އެޕަލް އިންޓެލިޖެންސް އަކީ އޭއައިގެ މި ހަނގުރާމައަށް ފަހުން ވަދެފައިވާ ފަރާތެއް ކަމަށްވާއިރު، އަދިވެސް ބޭރުގެ މޮޑެލްތައް ކަމަށްވާ ޖީޕީޓީ ފަދަ މޮޑެލްތަކަށް ބަރޯސާވެއެވެ. ގޫގުލް ޓްރާންސްލޭޓްގެ ދިގު ތަޖުރިބާގެ ސަބަބުން، އެޕަލްގެ ވާދަވެރި ފީޗާއަށް ވުރެ ގިނަ ބަހަށް ޖެމިނައި އިން ސަޕޯޓްކުރެއެވެ.

ގޫގުލް އިން ވަނީ ޓްރާންސްލޭޓް އެޕްގެ ބަސް ދަސްކުރުމުގެ ވަސީލަތްތައް ވެސް އަޕްޑޭޓްކޮށްފައެވެ. ޑުއޮލިންގޯ އާ އެއްގޮތަށް، މި ކޯސްތަކުން މިހާރު އިތުރަށް ރަނގަޅު ފީޑްބެކް ދީ، ކޮންމެ ދުވަހެއްގެ ކުރިއެރުން ބަލަހައްޓަން ފުރުޞަތު ދެއެވެ. މީގެ އިތުރުން، ޖަރުމަން، އިންޑިއާ، ސްވީޑަން އަދި ތައިވާން ފަދަ 20 އަށް ވުރެ ގިނަ އާ ޤައުމުތަކަށް މި ސަޕޯޓް ވަނީ ފުޅާކޮށްފައެވެ. އިނގިރޭސި ބަސް ދަންނަ ފަރާތްތަކަށް އާ ކޯސްތަކުގެ ތެރޭގައި ޖަރުމަން އަދި ޕޯޗުގީޒް ހިމެނެއެވެ. އަދި، ބެންގާލީ، މަންދާރިން، ޑަޗް، ޖަރުމަން، ހިންދީ، އިޓާލިއަން، ރޮމޭނިއަން، އަދި ސްވީޑިޝް ބަސް ދަންނަ ފަރާތްތަކަށް އިނގިރޭސި ކޯސްތައް މިހާރު ލިބެން ހުއްޓެވެ.