ހއ. ކެލާގައި ޕާސްޕޯޓްގެ ހިދުމަތް ރަސްމީކޮށް ރޭ ފަށައިފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ކެލާގައި ވަނީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފައި ކަމަށެވެ.
މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ޕާސްޕޯޓުގެ ހިދުމަށް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާއި އެގޮތަށް ކުރަމުން އަންނަ މަސައްކަތެކެވެ. ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ގިނަ ރަށްތަކެއްގައި މިހާރު ވަނީ ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ. އެގޮތުން އެންމެ ފަހުން އެ ހިދުމަތް ތައާރަފްކޮށްފައިވަނީ ތ. ގުރައިދޫ، ވިލުފުށި، ވޭމަންޑޫ ހިމެނޭހެން ތ. އަތޮޅުގެ ތިން ރަށެއްގައެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ހިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް ޕާސްޕޯޓްގެ ހިދުމަތް ދޭން ވަނީ ފަށައިފައެވެ.