48 ގަޑިއިރުތެރޭ 900 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން، މިދިޔަ އަހަރުގެ ތެރޭގައި 900 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ހާމަކުރައްވައިފި އެވެ.

މިފްކޯ އަށް މަސްކިރުވާ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ސަރުކާރުން ފެށީ ރައީސްގެ ވައުދާ އެއްގޮތަށް މިދިޔަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ. މި ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު 2023 ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ޖުމްލަ 1.7 ބިލިއަން ރުފިޔާ ވަނީ މިފްކޯ އަށް ކިރުވާ މަހުގެ އަގުގެ ގޮތުގައި ދޫކޮށްފަ އެވެ.

ޝިޔާމް ވިދާޅުވީ، "ހާއްސަކޮށް ރައީސްގެ ވައުދާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރެވޭ ގޮތް ހަމަޖެހިފައި ވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. އޭގެ ފައިދާ މަސްވެރި އާއިލާތަކަށް ވަރަށް ބޮޑަށް އެބަ ލިބޭ. އެއީ މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ބޮޑު ކުރިއެރުމެއް،" އެވެ.

މިފްކޯ އަށް މަސްކިރުވި ދޯނިތަކުގެ މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައި ވަނީ އިއްޔެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެއީ މިދިޔަ އާދިއްތަ ދުވަހު މިފްކޯ އަށް މަސް ކިރުވި 63 ދޯނީގެ މަސްވެރިންނަށް ދޫކުރި 2.79 މިލިއަން ރުފިޔާ އެވެ.

މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުން ލަސްވީ، ކުރީ ސަރުކާރުން ދޫނުކޮށް ހުރި ފައިސާތައް ދޫކުރަން ވަގުތު ނެގުމާއި އިގުތިސާދީ ދަތިތަކާ ހުރެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު 29 ވަނަ ދުވަހު މަސްވެރިންނާއި ކެޔޮޅުންނާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މަސް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާ އަށް ބޮޑުކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް، އެކަން ފުރިހަމަވާނީ މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑި ކުރިއަށްދާނެކަން ޔަގީންވުމުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

މަސް ގަންނަ އަގު 20 ރުފިޔާ އަށް ބޮޑުކޮށް، ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދަވާ ކަން ރައީސް އިއުލާން ކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރު މަހު މ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ.

އެ މަނިކުފާނު ވިދާޅުވެފައި ވަނީ: "އަޅުގަނޑު ވީ އެންމެ މުހިންމު ވައުދަކީ މަސްވެރިންނަށް 20 ރުފިޔާގެ ވައުދު. އެއީ ވެސް ހަމަ ސަސްޓެއިނަބަލްކޮށް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން ބޭނުންވާ ކަމެއް. ހަމަ ނަމެއްގައި މާދަމާ އިން ފެށިގެން 20 ރުފިޔާއޭ ބުނުމުން އަދި ކަމަކު ނުދޭ،" އެވެ. މަސް ގަންނަ އަގު 20 ރުފިޔާ އަށް ބޮޑުކުރުން ގުޅިފައި ވަނީ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ޔަގީންކަމާ އެވެ.