ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ޔޫރަޕް އިއްތިހާދުގެ (އީޔޫ) އިސްވެރިންނާ ހިއްސާކޮށްފައެވެ.
އެމްޖޭއޭގެ ވަފުދުން ލަންކާގައި އީޔޫގެ ފަރާތްތަކާ ބައްދަލުކޮށް، ރާއްޖޭގެ ނޫސްވެރިކަމުގެ މިހާރުގެ ހާލަތާއި، ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިހާރު އަމަލުކުރަން ފަށާފައިވާ މީޑިއާ 'ކޮންޓްރޯލް' ގާނޫނާ ގުޅޭ ކަންބޮޑުވުންތައް ވަނީ ހާމަކޮށްފައެވެ.
އެމްޖޭއޭގެ ލަންކާ ދަތުރުގައި ބައިވެރިވެވަޑައިގެންނެވީ، އެ ޖަމިއްޔާ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި 'ދައުރު' ނޫހުގެ މެނޭޖިން އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ) އާއި އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފް، ނައިބު ރައީސް މުހައްމަދު ޝަހުޒާން، އަދި މުހައްމަދު ޖުނައިދެވެ.
މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރައްވަމުން، ޒާހިރު 'ސަން' ނޫހަށް ވިދާޅުވީ، ނޫސްވެރިކަމުގެ ދާއިރާ އަމިއްލައަށް ރެގިއުލޭޓްކުރާނެ ނިޒާމެއް (ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް) ގާއިމުކުރުމަށްޓަކައި ޕްރެސް ކައުންސިލެއް އުފެއްދުމަށް، އީޔޫގެ ފަރާތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.
އީޔޫގެ އިތުރުން، އެމްޖޭއޭގެ ވަފުދުން ވަނީ ލަންކާގެ ޕްރެސް ކޮމްޕަލައިޓްސް ކޮމިޝަނާ ވެސް ބައްދަލުކޮށްފައެވެ.
މީޑިއާތައް ކޮންޓްރޯލްކުރުމަށް އަމާޒުކޮށް ހަދާފައިވާ މި އާ ގާނޫނާ މެދު ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ. މި ބިލު މަޖިލީހަށް ހުށަހެޅުނު ދުވަހުން ފެށިގެން، ނޫސްވެރިން ވަނީ މި ގާނޫނާ ދެކޮޅަށް އެކި ސިލްސިލާ މުޒާހަރާތައް ވެސް ބާއްވާފައެވެ.