އައްޑޫގައި މިއަދު ކުރިއަށް ގެންދިޔަ ވޯޓުގެ ތެރެއިން - - ފޮޓޯ: ޖުމްލަ

ފޭދޫގެ ބޮޑު މެޖޯރިޓީ ބުނީ ވަކިވާން ބޭނުންނުވާކަމަށް!

އާއިޝަތު އަނާ ރަޝީދު
 
27 ދުވަސް ކުރިން

އައްޑޫ ސިޓީ ކައުންސިލުގެ އިދާރީ ހިންގުމުގެ ދަށުން ވަކިވާން ބޭނުންވާކަމަށް ހުޅުދޫ އަދި މީދޫ ރައްޔިތުން ނިންމާފައިވާއިރު، ވަކި ކައުންސިލެއް އުފެއްދުމާ ދެކޮޅަށް ފޭދޫގެ ރައްޔިތުންގެ އަޣުލަބިއްޔަތުން މިއަދު ވޯޓު ދީފިއެވެ.ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ފެށިއިރު، 4:00 ޖަހާއިރަށް ގިނަ ފޮށިތަކުގެ ވޯޓު ލުން ނިމި، ކިޔޫތައް ވަނީ ބަންދުކޮށްފައެވެ.

އެއަށްފަހު ވޯޓު ގުނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މިހާތަނަށް ގިނަ ފޮށިތަކެއް ގުނައިފައިވާއިރު، އެ ފޮށިތަކުގެ ނަތީޖާތައް ދައްކާ ގޮތުން ފޭދޫއިން ބޭނުންވަނީ، އައްޑޫ ސިޓީ ކައުންސިލުގެ ދަށުގައި އޮވެ، އިދާރީ ހިންގުން ކުރިއަށް ގެންދާށެވެ. ނަމަވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫއާއި، މީދޫއިން ބޭނުންވަނީ އެއްފަސްކޮށް އޮންނަ އެ ދެ ރަށުގައި ވަކި ދެ ކައުންސިލެއް ހަދައިގެން އިދާރީ ހިންގުން ކުރިއަށްގެންދާށެވެ.

ނަތީޖާތައް ދައްކާގޮތުން، ވޯޓު ލީ ޖުމްލަ މީހުންގެ 67 ޕަސެންޓަށްވުރެ ގިނަ މީހުން ހުޅުދޫ ވަކިވާން ފެންނަކަމަށް ވަނީ ބުނެފައެވެ. މީދޫ ވަކިވާން ފެންނަކަމަށް 82 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓުދިނެވެ. އަދި ފޭދޫ ވަކިވާން ބޭނުންނުވާކަަމަށް 70 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓު ދީފައިވެއެވެ.