އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިމާދު ސާލިހު ވިދާޅުވެފައިވަނީ، ސަރުކާރުން ކައުންސިލްތަކަށް ދޫކުރާ 5 ޕަސެންޓްގެ ބްލޮކް ގްރާންޓުން 800 މިލިއަން ރުފިޔާގެ ލިންކް ރޯޑެއް ހެދޭނެކަމަށް ދެކުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.
އައްޑޫގައި ނަގަން ހަމަޖެހިފައިވާ ރެފެރެންޑަމް ވޯޓާ ގުޅިގެން ރާއްޖެ ޓީވީން ބޭއްވި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އިމާދު ވިދާޅުވީ، މިއަދު އައިސް ތިބީ އިލްމީ ބަހުސެއް ކުރުމަށާއި، "ފެކްޓްސް އެންޑް ފިގާސް" ގެ ވާހަކަ ދެއްކުމަށް ކަމަށެވެ. އަދި ލިބޭ ބްލޮކް ގްރާންޓުން އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިމާދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ ޝަކުވާއަކީ ވެސް ސަރުކާރުން ދޭ ބްލޮކް ގްރާންޓުން ނުފުދޭ ކަމެވެ. މި ބަހުސްގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ "އިންޑިއާގެ އެގްޒިމް ބޭންކް ލޯނު އައްޑޫއަށް ލިބުނީ ސިޓީ ތަރައްގީ ކުރުމަށް ކަމަށާއި، މި ލޯނު ލިބުނީ އައްޑޫ ސިޓީއަކަށް ވީތީ" ކަމަށެވެ.
އައްޑޫ ސިޓީގައި ނެގުމަށް ހަމަޖެހިފައިވާ ރެފެރެންޑަމްގެ ވޯޓު ނެގުން އޮތީ 25 އޮކްޓޯބަރުގައެވެ. މިއީ ފޭދޫ، މީދޫ އަދި ހުޅުދޫގައި ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.