ކާރިސާތަކަށް ތައްޔާރުވުމަށް ވެބްސައިޓެއް ތައާރަފްކޮށްފި

އާއިޝަތު އަނާ ރަޝީދު
 
10 މަސް ކުރިން

ކާރިސާތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަކޮށްފައިވާ "ހުޝިޔާރު" ނަމަކަށް ކިޔާ ވެބްސައިޓެއް ރަސްމީކޮށް އިފްތިތާޙު ކޮށްފިއެވެ. 

މި ވެބްސައިޓަކީ އެންޑީއެމްއޭ އާއި ޔޫއެންޑީޕީ ގުޅިގެން ތަރައްޤީކޮށްފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓް ތަޢާރަފުކޮށްފައިވަނީ ބައިނަލްއަޤްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާ ދިމާކޮށް އެންޑީއެމްއޭއިން އިންތިޒާމުކޮށްގެން ބޭއްވި "ވިލުންތެރި ފެސްޓު" ގައެވެ.


މި ވެބްސައިޓުގައި މޫސުމީ އިންޒާރުތަކާއި، ނުރައްކަލާ ގުޅޭ އިރުޝާދުތަކާއި، ކާރިސާތަކުގައި ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ހިމެނިފައިވެއެވެ. މީގެ އިތުރުން، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޕޯސްޓަރުތަކާއި، ތަޢުލީމީ ދާއިރާއަށް މުހިންމު މަޢުލޫމާތުތައް ލިބެން ހުންނާނެއެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވެނީ މި ވެބްސައިޓް ފަސް ބަހަކުން (ދިވެހި، އިނގިރޭސި، ސިންހަލަ، ބެންގާލީ އަދި ހިންދީ) ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވުމެވެ.


އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވި ގޮތުގައި، މި ވެބްސައިޓަކީ ކާރިސާތަކަށް ތައްޔާރުވެ، އޭގެ ގެއްލުން ކުޑަކުރުމަށް މުހިންމު މަޢުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ވެބްސައިޓުގެ މައިގަނޑު މަޤްޞަދަކީ ކާރިސާތަކަށް ހޭލުންތެރި އަދި ތައްޔާރަށް ތިބި މުޖުތަމަޢުއެއް ބިނާކުރުމެވެ. "ވިލުންތެރި ފެސްޓު" ގައި 20 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، ރާއްޖެ ވިލުންތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދީފައިވެއެވެ.