ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެއްގައި ހުރި 13 މިލިއަން ސިނގިރޭޓު ވައްކަންކުރި މައްސަލައިގައި، މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އެ މަޤާމުން ވަގުތީގޮތުން ދުރުކޮށްފިއެވެ.
މި މައްސަލައިގައި ކުރިން ކަސްޓަމްސްގައި މަސައްކަތްކުރި މުއާޒާއި އިތުރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ސިނގިރޭޓުތައް ހުރީ މިދިޔަ އޭޕްރީލް 26 ވަނަ ދުވަހު ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައެވެ.
މިފްކޯއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، މުއާޒުގެ މައްސަލަ ދައުލަތުގެ އިދާރާތަކުން ތަޙުޤީޤުކުރަމުންދާތީ، އިދާރީ ހަމަތަކުގެ މަތިން 30 ދުވަހުގެ މުއްދަތަށް އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. މި ނިންމުން ވަނީ ކުންފުނީގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރު ސޮއިކުރައްވާފައިވާ މެމޯއަކުން އެންމެހާ މުވައްޒަފުންނަށް އަންގަވާފައެވެ.
މި މައްސަލައާ ގުޅިގެން ކުންފުނީގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ގޮތް ހަމަޖެއްސުމަށްޓަކައި، އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް މުޙައްމަދު ޝަމީމާ ހަވާލުކޮށް، އިންޖިނިއަރިން ޔުނިޓް އުބައިދުﷲ ޙުސައިންއާ ހަވާލުކޮށްފައިވެއެވެ. މިފްކޯއިން އިތުރަށް ފާހަގަކޮށްފައިވަނީ، މި މައްސަލައަކީ ކުންފުންޏާ ސީދާ ގުޅުމެއް ނެތް މައްސަލައެއް ނަމަވެސް، މުވައްޒަފުންގެ ނަޒާހަތްތެރިކަމަކީ އެ ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާ ކަމެއްކަމަށެވެ.