ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ: ފޮޓޯ -- ސަން

ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އޭސީސީއަށް ޙާޟިރުކޮށްފި

މުހައްމަދު ހަމީޒް
 
27 ދުވަސް ކުރިން

ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އޭސީސީއަށް ޙާޟިރުކޮށްފިއެވެ.

ޑރ. ޢާއިޝަތު ޢަލީ އޭސީސީއަށް ޙާޟިރުކޮށްފައި މިވަނީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ސްވިފްޓް އިންޖިނީރިން ކުންފުންޏަށް ބަދަލު ދިނުމަށް ނިންމުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށެވެ.

ޑރ. އައިޝަތު އަލީ އޭސީސީ އަށް ހާޒިރު ކޮށްފައި ވަނީ މިއަދު ހެނދުނު 09:30 ގައެވެ. އެވަގުރު އެމްޑީޕީގެ އާންމު މެމްބަރުންނާއި ކުރީގެ ފަސްޓް ލޭޑީ ފަޒުނާވެސް ވަނީ އެސަރަހައްދަށް ގޮސްފައެވެ.

މި މައްސަލާގައި ސްވިފްޓްގެ ވެރިޔާ ސަޢުދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަޢުދު ވިދާޅުވީ، ސްވިފްޓު އިންޖިނިއަރިން އިން ކުރިއަށް ގެންދިޔަ 6 ޕްރޮޖެކްޓަކުން ރައީސް ޔާމީން ސަރުކާރުން ގާނޫނާއި ގަވާއިދާ ޚިލާފަށް ވަކިކޮށްފައިވާތީ ސްވިފްޓަށް ލިބުނު ގެއްލުމަށް ބޭނުންވަނީ ފައިސާތޯ ނުވަތަ ޕްރޮޖެކްޓުތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސެޓަލްމެންޓު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި ކަމަށެވެ.

ސައުދު ވިދާޅުވީ އޭނާ ކޮމިޓީގައި އެދުނީ ވަކިކުރި ޕްރޮޖެކްޓުތަކަށް ވާ ފައިސާގެ ބަދަލުގައި އެ ޕްރޮޖެކްޓުތަކުގެ ވެލިއުއަށް ފެތޭ ޕްރޮޖެކްޓް ދިނުމަށް ކަމަށެވެ.

ސައުދު ވިދާޅުވީ މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައިވާނީ ފައިދާ ކަމަށެވެ. އަދި މި މައްސަލައިގައި ކޯޓަށް ދިޔަ ނަމަ ބޮޑު އެއްޗެއް ސްވިފްޓަށް ދޭން ޖެހުނީސް ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ދަނީ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގުކޮށް، ބައެއް ވެރިން ޖަލަށްވެސް ލާފައެވެ.