ކުރީގެ ތިން މިނިސްޓަރުންގެ މައްސަލަ ބަލަނީ ރޭވުމަކުން، ފަހަތަށް ޖައްސަން: ޞާލިޙް

ނާއިފް ހަލީމް
 
2 މަސް ކުރިން

އެ މަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން މިނިސްޓަރެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށާފައިވަނީ ސިޔާސީ ރޭވުމެއްގެ ތެރެއިން ސިޔާސީ ފަރާތްތައް ފަހަތަށް ޖައްސަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު އޭސީސީއަށް ހާޒިރުވާން އަންގާ ޗިޓު ވަނީ ފޮނުވާފައެވެ.

އެ ކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޞާލިޙް ވިދާޅުވީ، އެ ބޭފުޅުން އޭސީސީއަށް ހާޒިރުކުރަން އަންގާފައިވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެއީ، އިންސާފުން އެއްކިބާވެ، ރައްޔިތުންގެ އަޑު ކަނޑުވާލައި، އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖައްސަން ރޭވިގެން ހިންގާ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

"މާޒީގައި މިކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އިންސާފުން އެއްކިބާވެފައިވާ ތަހުގީގުތަކާއި، ސިޔާސީ ހުކުމްތަކުން މުޅި ގައުމު ކިލަނބުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، އެފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި، ގާނޫނުގެ ވެރިކަން އިސްކުރަން ދައުލަތުގެ ވެރިންނަށް ޞާލިޙް ގޮވާލެއްވިއެވެ.