އެޗް.ޑީ.ސީއިން މާދަމާ ހުޅުމާލޭގައި ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "ސްކޭޓް ސްކޭޕް" ގެ ނަމުގައި ބޮޑު ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ހުޅުމާލޭގައި ސްކޭޓް ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ ހަރަކާތެވެ. މި ހަރަކާތުގައި ރޯލަރ ބްލޭޑާސް އާއި ސްކޭޓް ބޯޑާސް އަދި ސްކޫޓަރ ރައިޑަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗް.ޑީ.ސީއިން މީޑިއާއި ހިއްސާކުރި މައުލޫމާތުގައިވެއެވެ.
މި ހަރަކާތް އޮންނާނީ މެއި 15 ވަނަ ދުވަހު (މާދަމާގެ)ގެ 16:00 އިން 22:00 އަށް، ހުޅުމާލޭ ފެރީ ޓާމިނަލް ޕާކުގައެވެ. ބައިވެރިންނަށް ސެޓްފިކެޓް ލިބޭ ގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 15 މެއި 2025 ގެ 14:00 އެވެ.
ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން މި ހަފްތާގެ ނިޔަލަށް އަދިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު ސައިކްލިންގ ޗެމްޕިއަންޝިޕް އަދި އެ ދުވަހުގެ ހަވީރު ހެލްތު ކޭމްޕްގެ އިތުރުން މި މަހުގެ 17 ވަނަ ދުވަހު ބީޗް ފެސްޓެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.